22 Jul 2024, 15:17
ފުރާނައަށް ނުރައްކާ ބައްޔެއް ކަމަށްވާ ނިފާ ވައިރަސް ޖެހިގެން އިންޑިއާގެ ކެރެލާ ސްޓޭޓްގެ 14 އަހަރުގެ ކުއްޖަކު މަރުވުމާ ގުޅިގެން އެ ގައުމުގެ ސިއްހީ އިދާރާތަކުން އެލާޓް ނެރެފިއެވެ.
މަރުވެފައި ވަނީ ހައި ރިސްކް ކުއްޖެކެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ އާދީއްތަ ދުވަހު ކަމަށާއި އެއީ އޭނާއަށް ބައްޔަށް ޕޮޒިޓިވްވިތާ އެއް ދުވަސް ފަސް ކަމަށެވެ.
ކެރެލާ ސްޓޭޓްގެ ސިއްހަތާ ބެހޭ ވަޒީރު، ވީނާ ޖޯޖް ވިދާޅުވި ގޮތުގައި، ނިފާ ވައިރަސް ޖެހިފައިވާ ހައި ރިސްކް ކެޓަގަރީގައި އިތުރު 60 މީހަކު އެބަތިއްބެވެ. މަރުވި ކުއްޖާއަކީ ޕަންޑިކާޑް ޓައުންގެ ކުއްޖެއް ކަމަށާއި އޭނާއާ ކޮންޓެކްޓްވި މީހުން އެކަހެރިކޮށް ޓެސްޓްކޮށްފައިވާ ކަމަށް ވެސް ވީނާ ވިދާޅުވިއެވެ.
އާންމު ތަންތަނުގައި މާސްކް އެޅުމާއި، ހޮސްޕިޓަލުގައި ތިބޭ މީހުންނަށް ޒިޔާރަތް ނުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެ ސަރަހައްދުގެ މީހުންނަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
ނިފާ ވައިރަސް އިންފެކްޝަނަކީ އޫރާއި، ވާ ފަދަ ޖަނަވާރުތަކުން އިންސާނުންނަށް ޖެހޭ "ޒޫނޮޓިކް ބައްޔެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެއެވެ. އަދި، ތަޣައްޔަރުވެފައިވާ ކާނާއިންނާއި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވުމުން ވެސް މިބަލި ފެތުރިދާނެއެވެ.
ނިފާ ވައިރަހަކީ ބަލިމަޑުކަން ފެތުރިދާނެ ވައިރަސްއެއްކަމުން ޑަބްލިއުއެޗްއޯއިން ވަނީ އެ ބައްޔަކީ އިސްކަންދޭ ބައްޔެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
ދެހާސް އަށާރަވަނަ އަހަރު ކެރެލާ ސްޓޭޓްގައި އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ފަހުން އެތައް ބަޔަކު ވަނީ އެ ބަލި ޖެހިގެން މަރުވެފައެވެ.
ކެރެލާގެ ބައެއް ހިސާބުތަކަކީ މުޅި ދުނިޔޭގައި ވެސް ނިފާ ވައިރަހަށް އެންމެ ނުރައްކާ ބޮޑު ސަރަހައްދުތަކެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ނިފާގެ ބަލިމަޑުކަމެއް ފެތުރުން ހުއްޓުވުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކެރެލާ ސްޓޭޓުން ދާދިފަހުން ވަނީ އިއުލާނުކޮށްފައެވެ.
މިދިޔަ އަހަރު ނިފާ ވައިރަސްއަށް ފަސް މީހަކު ޕޮޒިޓިވްވެ، ކެރެލާ ސްޓޭޓްގެ ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.