22 Jul 2024, 16:00
ޣައްޒާގައި އދ. އިން ހިންގާ ރެފިއުޖީ ކޭމްޕް، އަލް ނުސައިރަތު ކޭމްޕަށް އިސްރާއީލުން ހަފުތާއެއްގެ ތެރޭގައި 63 ހަމަލާ ދީފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
އެ ހަމަލާތަކުގައި 91 މީހަކު ޝަހީދުކޮށްލައި، 251 މީހުން ޒަޚަމުކޮށްލައިފައިވާ ކަމަށް ވެސް އިދާރާތާކުން ބުނެއެވެ.
"އިސްރާއީލުން ތާމަލް އަދި ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން 75 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ފިހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި،" ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނުސެއިރަތު ރެފިއުޖީ ކޭމްޕަކީ ޣައްޒާގައި އެންމެ ގިނަ ބަޔަކު ހިޔާވަހިކަން ހޯދައިގެންތިބި ކޭމްޕެވެ. އެ ކޭމްޕްގައި ގާތްގަޑަކަށް 250،000 އެ ތަނުގައި އަންނަނީ ދިރިއުޅެމުންނެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާންމުގެ ޒިންމާ އިސްރާއީލާއި އެމެރިކާއިން ނަގަން ޖެހޭނެ ކަމަށް ޣައްޒާ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ. އަދި، އިސްރާއީލުގެ އިސްތިއުމަރާއި ޣައްޒާގައި އެ މީހުން ހިންގަމުންދާ ލޭ އޮހޮރުވުން ހުއްޓުވުމަށް އދ އަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށް އެ އޮފީހުން ވަނީ ގޮވައިލައްވައިފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މަދުވެގެން ދެ މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ގޮންޖަހައި، ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުން އަންނައިރު ބައިނަލްއަގުވާމީ ފާޑުކިޔުންތައް އިސްރާއީލަށް ވަނީ އަމާޒުވެފައެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 39،000 މީހުން ޝަހީދުކޮށްލައިފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު 89،700 އަށް ވުރެ ގިނައެވެ.
އިސްރާއީލުގެ އެ ހަމަލާތަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، ޣައްޒާގެ އާންމުންނަށް ބޭނުންވާނެ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ވެސް ލިބުން ވަނީ ދަތިވެފައެވެ.
ނަސްލު ނައްތާލުމުގެ ތުހުމަތު އިސްރާއީލަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ކޮށްފައިވާއިރު، އެ ކޯޓުން އެންމެ ފަހުން މެއި މަހުގެ ހަވަނަ ދުވަހު އަމުރުކޮށްފައިވަނީ ޣައްޒާގެ ރަފަހަށް އެމީހުން ދޭ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލުމަށެވެ. ރަފަހަކީ ވެސް ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައް ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.