21 Jun 2012, 11:41
ޕޮލެންޑާއި ޔޫކުރޭންގައި ކުރިއަށްދާ ޔޫރޯ 2012ގެ ގުރޫޕް ސްޓޭޖުގެ ފަހު އިންގްލޭން އަތުން 1-0 ލަނޑުން ބަލިވެ، އެނބުރި ގައުމަށް ދާން ޖެހުނު ނަމަވެސް މުބާރާތުގައި ޔޫކްރެއިން ޓީމުން ދެއްކީ ބަލާ ހިތްވާ ކަހަލަ މޮޅުކުލުމެއް ކަމަށާއި އަދި އެމެޗުގައި ޔޫކުރޭނުން އިންގްލޭންޑް ކޮޅަށް ޖެހި ލަނޑަކީ ރަނގަޅު ލަނޑެއް ކަމަށް ކޯޗު އޯލެގް ބްލޯހިން ބުނެފި އެވެ.
މެޗުގައި އިންގްލޭންޑަށް ލަނޑު ޖަހައިދިނީ ވޭން ރޫނީ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންގްލޭންޑާ ދެކޮޅަށް ޔޫކުރޭން ބައްދަލުކުރި މެޗަށް ފަހު ކޯޗު އޯލެގް ބްލޯހިން ވަނީ، އެ މެޗުގައި ރެފްރީކަން ކުރި ފަސް ރެފްރީންނަށް ފާޑު ކިޔައި ވާހަކަ ދައްކާފަ އެވެ. "މެޗުގައި ފަސް ރެފްރީން ތިބުމުގެ އެއްވެސް ބޭނުމެއް ނެތް. ޔޫކްރެއިންއިން ޖެހި ލަނޑެއް ރެފްރީން ލަނޑެއްކަމަށް ނުބެލުމުން ސުވާލު އުފެދޭ." ކޯޗް އޯލެގް ބުންޏެވެ.
އޯލެގް ބްލޯހިން ބުނީ، ފީފާ އިން އެކަން ވަރަށް ރަނގަޅަށް ބަލަންޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ ވެސް ފީފާ އިން ނަގަންޖެހޭނެ ކަމަށެވެ. އަދި ގޯލު ރޮނގު ހުރަސްކޮށްފައި އޮތް ބޯޅައެއް އެއްވެސް ރެފްރީއަކަށް ނުފެނުމުން ފަސް ރެފްރީން ތިބުމުގެ އެއްވެސް ބޭނުމެއް އޮތްކަމެއް ފާހަގަ ނުކުރެވޭ ކަމަށް ވެސް ކޯޗު އޯލެގް ވަނީ ބުނެފަ އެވެ.
"މެޗުގައި ކަން ހިނގި ގޮތް ޓީވީ ރިޕްލޭތަކުން ވެސް ފެންނަން އޮތް. ދަނޑަށް ވަދެ ތިބި ގިނަ ބަޔަކަށް އެކަން ޔަގީންވި. މެޗަށް ފަހު ދަނޑު ބޭރުގައި ވެސް އެ ވާހަކަތައް ވަނީ ފެތުރިފައި،" އޯލެގް ބްލޯހިން ބުންޏެވެ.
ގުރޫޕު ޑީގެ އެއްވަނައިގެ ގޮތުގައި ހަތް ޕޮއިންޓާ އެކު ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރި އިންގްލެންޑު ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ، ގުރޫޕު ސީގެ ދެ ވަނަ ޓީމު އިޓަލީއާ އެވެ. އަދި ހަތަރު ޕޮއިންޓާ އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރި ފްރާންސް ނިކުންނާނީ ސްޕޭންއާއި ދެކޮޅަށެވެ.