21 Jun 2012, 11:39
މިމަހު ފަހު ކޮޅު މެލޭޝިއާގައި ބާއްވާ އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިން މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ 22 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ރަހުމަތްތެރިކަމުގެ ފަހު މެޗުގައި މިޔަންމާ އަތުން 1-0 ލަނޑުން މޮޅުވެއްޖެ އެވެ. މެޗުގައި ރާއްޖެ އަށް ގޯލްޖަހައި ދިނީ ނިޒާމް އަހުމަދެވެ.
ތޭވީސް ކުޅުންތެރިންގެ ސްކޮޑަކާ އެކު މިވަގުތު ތައިލެންޑުގައި ކޭމްޕުކޮށްފައިވާ ރާއްޖޭގެ ގައުމީ ޓީމް ވަނީ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޖުމްލަ ތިން މެޗެއް ތައިލެންޑުގައި ވަނީ ކުޅެފަ އެވެ. އެގޮތުން ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާ އިރު، ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ތައިލެންޑްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ އޮސޮޓްސްޕާ އަތުން 2- 1 އިންނެވެ. އަދި ދެވަނަ މެޗުން ރާއްޖެ ބަލިވީ ވީޓްނާމާ ދެކޮޅަށް ކުޅުނު މެޗުން 5-0 ލަނޑުންނެވެ.
މިފަހަރުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރީ ހަންގޭރީގެ ކޯޗް އިސްތަވާން އުރުބާނީ އެވެ. އަދި ޓީމުގެ މެނޭޖަރަކީ އަހުމަދު އާމިރު (ސަލްސާ އާމިރު) އެވެ.
މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ އިރާން، ބަހުރޭން، ތަޖިކިސްތާން، ކުވައިތު އަދި ގަތަރެވެ. މުބާރަތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީ ފަޅީގަ އެވެ.
ކޮލިފައިންގައި ވާދަކުރުމަށް ތައިލެންޑު މަގުން ގައުމީޓީމް މިއަދުގެ ވަގުތެއްގައި މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. އަދި ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް ސީގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.