ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އިއްޔެ ފެށުނު ރިއޯ+ 20 ސަމިޓުގައި ދެމެހެއްޓެނިވި ޓޫރިޒަމާ ގުޅޭގޮތުން ރާއްޖެއިން ރޭ ބޭއްވި ހާއްސަ ސެޝަން، "ދަ މޯލްޑިވްސް ސްޓޯރީއަށް" ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދެމެހެއްޓެނިވި ޓޫރިޒަމާއި ބެހޭގޮތުން ރާއްޖޭން ބޭއްވި ސެޝަން ކުރިއަށް ދިޔައީ ރާއްޖެގަނޑިން ރޭ 9:00 ޖެހީއިރު ރިއޯ ކޮންވެންޝަން ސެންޓަރުގަ އެވެ. އެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ބައިވެރިވެ ވަޑައިގެން ވާހަކަ ދެއްކެވިއިރު ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބުވެސް ވަނީ ބައިވެރިންނާ މުހާތަބު ކުރައްވައިފަ އެވެ.

ބްރެޒިލް ގަނޑިން މެންދުރު 1:30 ގައި ކުރިއަށް ދިޔަ އެ ސެޝަންއާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މަލީހު ޖަމާލް މިއަދު ވިދާޅުވީ ރޭގެ ސެޝަންގައި ދެމެހެއްޓެނިވި ޓޫރިޒަމެއް އުފެއްދުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށާއި ޓޫރިޒަމް ކުރިއެރުވުމުގައި ތިމާވެއްޓަށް ދޭ ސަމާލުކަމަށް ބައިވެރިގެން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

"ގާތްގަނޑަކަށް އެ ހޯލް އެއްކޮށް ފުރުނު، ރާއްޖޭގެ ސެޝަން ބޭއްވި ކޮޓަރީގައި ގާތްގަނޑަކަށް 40 މީހުންގެ ޖާގަ އިންނަނީ، އެގޮތުން ޓޫރިޒަމްގެ ގިނަ ފަރާތްތަކާއި ބައިނަލް އަގުވާމީ މީޑިޔާއިން ބައިވެރިވެ، އެބޭފުޅުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ،" މަލީހު ވިދާޅުވި އެވެ.

ރާއްޖެއާއި ބެހޭ ކުރު ޑޮކިއުމަންޓްރީއަކާއި އެކު ކުރިއަށް ދިޔަ ސެޝަންގައި ބޭރުގެ ނޫސްވެރިން ކުރި އެކި ސުވާލުތަކަށް މިނިސްޓަރާއި ރައީސް ޖަވާބުދެއްވި ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ދުނިޔޭގެ މީޑިޔާގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބުނުކަމަށްވެސް ވިދާޅުވި އެވެ.

"ބޮޑަތި މީޑިޔާތަކުން ބައިވެރިވެ ގިނަ ސުވާލުތަކެއް ކުރި، އެމީހުންގެ ބޮޑު ތަރުހީބެއް ރާއްޖޭގެ ސެޝަނަށް ލިބިގެން ދިޔަ، މީގެން އިނގެނީ އެމީހުން ރާއްޖޭގެ ޓޫރިޒަމަށް ދޭ ސަމާލުކަން،" މަލީހު ވިދާޅުވި އެވެ.

ރިއޯ ސަމިޓުގައި ސަރުކާރުގެ ފަރާތުން އަށް ބޭފުޅުންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އޭގެ އިތުރުން މަޖިލީހުގެ މެންބަރުންނާއި ބައެއް ވިޔަފާރިވެރިން އަންނަނީ ރިއޯ ސަމިޓުގައި ބައިވެރިވަމުންނެވެ. ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ރިއޯ ސަމިޓުން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނޭ ކަމަށެވެ.

"ރިއޯ ސަމިޓުން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ، މިއީ ވަރަށް ފައިދާ ހުރި ސަމިޓަކަށް ވެގެންދާނީ،" އައްބާސް ވިދާޅުވި އެވެ.

ރިއޯ ސަމިޓު ނިމޭނީ މާދަމާ އެވެ. އެ ސަމިޓުގައި ދެމެހެއްޓެނިވި ތަރައްގީއެއް ގާއިމް ކުރުމަށް އެޅިފައި ހުރި ހުރަސްތައް ނައްތާލުމަށް ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރާނެ އެވެ.