21 Jul 2024, 09:40
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަމުން އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތާ މެދު މާޔޫސްވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ބައި އިލެކްޝަންގައި މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑިއަކަށް ވަނީ މެންބަރުން އިންތިޚާބު ކޮށްފައެވެ. އަދި، ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަންގެ ވޯޓުލުން ވެސް ވަނީ ބާއްވާފައެވެ.
މި ބައި އިލެކްޝަންތަކުގައި ޕީއެންސީން ވަނީ މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑިއާއި ކުޅުދުއްފުށީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބުކޮށްފައެވެ.
މިއީ ރިޔާސީ އިންތިޚާބާއި، މާލޭގެ މަޖިލިސް އިންތިޚާބަށް ފަހު އެމްޑީޕީއަށް ލިބުނު ތިންވަނަ ނާކާމިޔާބީއެވެ.
އެ އިންތިޚާބުތަކުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތަކާ މެދު މާޔޫސްވާންވީ ސަބަބެއް ނެތްކަމަށެވެ. އަދި، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެމްޑީޕީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ކައުންސިލް ބައި-އިލެކްޝަންތަކުގައި ވާދަކުރި އެ ޕާޓީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
އިއްޔެ ބޭއްވި ބައި އިލެކްޝަންގައި ފަސް ގޮނޑިއާ އެކު ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދިއިރު ގިނަ ބަޔަކު އަންނަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އިއްޔެގެ ނަތީޖާއާ ގުޅިގެން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވީ، ރައްޔިތުންގެ މެދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އޮތް ތާއީދު ފަތުއަޑުކިޔާފައި އިތުރުވަމުންދާކަމުގެ ހެކި ރައްޔިތުން ދައްކައިދީފި ކަމަށެވެ.
އިއްޔެގެ ބައި އިލެކްޝަންތަކުގެ ނަތީޖާ:
މައްޗަންގޮޅި މެދު ދާއިރާ ކައުންސިލަރު: ފާތިމަތު އިޝާން/ ޕީއެންސީ - ވޯޓުލާން ނުކުތީ 22.23 އިންސައްތަ މީހުން
- ހުޅުމާލެ ދާއިރާ ކައުންސިލަރު: އަލީ އައިމަން/ ޕީއެންސީ - ވޯޓުލާން ނުކުތީ 13.80 އިންސައްތަ މީހުން
- ހެންވޭރު ހުޅަނގު ދާއިރާ ކައުންސިލަރު: ފާތިމަތު ޝައުފާ ސަލީމް/ޕީއެންސީ - ވޯޓުލާން ނުކުތީ 12.87 އިންސައްތަ
- ބިލެއްދޫ ކައުންސިލްގެ ރައީސް: އަރީހް އިސްމާއީލް/ ޕީއެންސީ - ވޯޓުލާން ނުކުތީ 83.18 އިންސައްތަ މީހުން
- ކުޅުދުއްފުށި އުތުރު ކައުންސިލަރު: އިބްރާހީމް އަހުމަދު/ ޕީއެންސީ - ވޯޓުލާން ނުކުތީ 61.25 އިންސައްތަ މީހުން
- ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު: އައިޝަތު ޝަރަފިއްޔާ/ އަމިއްލަ - ވޯޓުލާން ނުކުތީ 73.62 އިންސައްތަ މީހުން
ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން މާލޭ މޭޔަރުކަމުގެ މަޤާމު ހުސްވިއެވެ. އެއަށް ފަހު ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި އާދަމް އާޒިމެވެ. އާޒިމް ވަނީ ވޭތުވެ ދިޔަ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމު ފުރުއްވައިފައެވެ.