21 Jun 2012, 09:36
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ން މިދިޔަ އަހަރު ހުރިހާ ހަރަދެއް ވެސް ކޮށްފައިވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް އެ އޮފީހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ސޮއިކުރައްވާ އާންމުކޮށްފައިވާ އެ އޮފީހުގެ އޮޑިޓް ރިޕޯޓުގައި އެއްވެސް މައްސަލައެއް ފާހަގަ ކޮށްފައި ނެތް އިރު އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުގެ މާލީ ހިސާބުތަކަށް "އިތުބާރު ކުރެއްވޭ" ކަމަށާއި އެ އޮފީހުން ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާއި އެއްގޮތައް ކަމަށެވެ.
"... ލިބުނު ފައިސާ އާއި އެ ފައިސާއިން ކުރެވުނު ހޭދައާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މާލީ ހާލަތު ތެދުވެރިކަމާއި އެކު ހަގީގަތާއި އެއްގޮތައް ދައްކުވައިދޭ މާލީ ބަޔާނެކެވެ،" ކުރު ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެފައިވެ އެވެ. "އެ އޮފީހުން ހަރަދުތައް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން އެ އޮފީހަށް ފާސްކުރި ބަޖެޓްގެ މަގުސަދުތައް ހާސިލުވާ ގޮތަށް، އެ ބަޖެޓްގައި ކަޑައެޅިފައިވާ ކަންތައްތަކަށް ބަޖެޓްގައި ކަޑައެޅިފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ގަވާއިދާއި އެއްގޮތަށެވެ،"
ރައްޔިތުން މަޖިލީހުން 2011 ވަނަ އަހަރު ޕީޖީއަށް ފާސްކޮށްފައިވަނީ 25.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ޕީޖީގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ އޮފީހުގެ ދިން ބަޖެޓުން 1.3 މިލިއަން ރުފިޔާ ބާކީ ހުއްޓެވެ.
ޕީޖީގެ އޮޑިޓް ރިޕޯޓުން ހަރަދުކުރުމުގެ އެއްވެސް މައްސަލައެއް ފާހަގަވެފައި ނެތް އިރު މީގެ ކުރިން އާންމުކޮށްފައިވާ ގިނަ އޮޑިޓް ރިޕޯޓްތަކުން ކޮރަޕްޝަންގެ ބޮޑަތި މައްސަލަތައް ވަނީ ފާހަގަވެ އަދި ފެންމަތިވެފަ އެވެ. ހާއްސަކޮށް މިނިވަން މުއައްސަސާތަކާއި މުހިންމު ބޮޑަތި މިނިސްޓްރީންތަކާ ގުޅޭގޮތުންނެވެ. އޭގެން ބައެއް މައްސަލަތައް އަންނަނީ މިހާރު ވެސް ބަލައި ތަހުގީގު ކުރަމުންނެވެ.