21 Jul 2024, 09:02
ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރުގެ ދެ ކުދިން ކަމަށްވާ ތައިމޫރާއި ޖޭގެ ކަންކަން ބަލަހައްޓަން ހަވާލުވެ، މަސައްކަތްކުރާ ލަލީތާ ޑިސިލްވާއަކީ މަޝްހޫރު އަމްބާނީ އައިލާގެ ތިން ކުދިން ވެސް ބެލެހެއްޓި ޚާއްސަ ނަރުސް ކަމަށް މީޑިއާތަކުން ބުނެފިއެވެ.
މި މަހުގެ 12ވަނަ ދުވަހު އަނަންތު އަމްބާނީއާއި ރާދިކާ މާޗަންޓްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ފަހު އަމްބާނީ އާއިލާއާ އެކު ނަގާފައިވާ ފޮޓޯތައް ލަލީތާގެ އިންސްޓަގްރާމްގައި ޕޯސްޓުކުރުމާ އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯތަކަށް ލިބުނެވެ. އާއްމުގޮތެއްގައި ވަކި ޚާއްސަ ޔުނިފޯމް ހެދުމެއްގައި ރިޕޯޓަރުންނަށް ފެންނަ ލަލީތާ ކައިވެނީގެ ހަފުލާއިން ފެނުނީ ވަރަށް ތަފާތުކޮށެވެ.
އަމްބާނީ އާއިލާއާ އެކު ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުން ލަލީތާ ބުނެފައިވަނީ، މީގެ އެތައް އަހަރެއް ކުރިން އޭނާ ވަނީ އަނަންތުގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން ޚާއްސަ ނަރުހެއްގެ ވަޒީފާގައި މަސައްކަތްކޮށްފައި ކަމަށެވެ. އޭރުވެސް އަނަންތަކީ ވަރަށް ހިތްހެޔޮ ބަސް އަހާ މިޒާޖުގެ ކުއްޖެއްގެ ގޮތުގައި ލަލީތާ ވަނީ ސިފަކޮށްފައެވެ.

އަނަންތު އާއި ލަލީތާގެ އެހާރާއި މިހާރުގެ ފޮޓޯއެއް--ފޮޓޯ/ޕިންކްވިލާ
އަނަންތު ތުއްތުއިރުގެ ހަނދާންތައް އާކުރަމުން ލަލީތާ ބުނެފައިވަނީ އެތައް އަހަރަކަށް ފަހު ވެސް އަމްބާނީ އާއިލާއިން އޭނާއަށް އެ ކައިވެންޏަށް ދައުވަތު ދިން ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.
އަނަންތާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އީޝާ އަދި އާކާޝަށް ޚިދުމަތްކުރިއިރު އަމްބާނީ އާއިލާގެ ފަރާތުން ލިބުނު ލޯތްބާއި އެހީތެރިކަން އަބަދު ވެސް ހަނދާން ހުންނާނެ ކަމަށާއި ލަލީތާގެ ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގައި އަމްބާނީ އާއިލާއިން ވެދިން އެހީތެރިކަން ދުވަހަކު ވެސް ހިތުން ފޮހެނުލެވޭނެ ކަމަށް ލަލީތާ ބުނެފައިވެއެވެ.
ބަތަލާ ކަރީނާ ކަޕޫރުގެ ދެ ކުދިންގެ އިތުރުން ލަލީތާއަކީ ތެލުގޫ ތަރި ރާމް ޗަރަންގެ ދަރިފުޅުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ވެސް އަދާކުރާ މީހެކެވެ. ވަރަށް ގިނަ ބަޔަކު ލަލީތާ ނެނީއެއްގެ ގޮތުގައި ސިފަކުރަމުން އަންނަނިކޮށް އޭނާ ބުނެފައިވަނީ އެއީ ނެނީއެއް ނޫން ކަމަށެވެ.
ކުޑަކުދިންގެ ޚާއްސަ ނަރުހެއްގެ ގޮތުގައި ލަލީތާ މަސައްކަތް ކުރާތާ މިހާރު 30 އަހަރު ވެފައިވާ ކަމަށާއި އޭނާ އަކީ ނެނީއެއް ނޫން ކަމަށާއި ނަމަވެސް ތަޖުރިބާހުރި ކުޑަކުދިންގެ ނަރުހެއްގެ ކަމަށް ލަލީތާ ވަނީ ބުނެފައެވެ.