މި އަހަރު މިހާތަނަށް ނެޓްފްލިކްސްގެ ޕްލެޓްފޯމްއިން ވަރަށް ތަފާތު ޖޯންރާގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދިންއިރު މިދިޔަ އާދީއްތަ ދުވަހު ނެޓްފްލިކްގައި ރިލީޒްކުރި ތަމަޅަ ފިލްމު "މަހާރާޖާ" ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތިއާގެ ކެރިއަރުގެ 50 ވަނަ ފިލްމުގެ ގޮތުގައި ފާހަގަކޮށްލެވޭ މި ފިލްމަކީ ތަފާތު ފިލްމެއް ބަލާލުމުގެ އިންތިޒާރުގައި ތިބި ބެލުންތެރިންގެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނެ ފިލްމެއް ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އާއްމުކޮށް ވިޖޭ ލީޑް ރޯލް ކުޅޭ ކޮންމެ ފިލްމަކީ ވެސް ވަރަށް ވަރުގަދަ ތަޅާ ފޮޅުންތަކެއް ފެންނަ ފިލްމުތަކަށްވީ ނަމަވެސް މި ފިލްމުގައި ވިޖޭ ފެންނަނީ ވަރަށް ޖަޒުބާތީ މަޑުމައިތިރި މީހެއްގެ ގޮތުގައެވެ. އަމިއްލަ އާއިލާއަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ތައްޔާރަށްހުރި ބައްޕައަކު އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ރައްކާތެރިކަމާއި ހިމަޔާތް ހޯދައިދިނުމަށް ކުރާ މަސައްކަތް ފިލްމުން ފެންނާނެއެވެ.

ރީތި ތަފާތު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އަނޫރާގު ކަޝްޔަޕް މުހިއްމު ރޯލަކުން ފެންނަ "މަހާރާޖާ"ގެ ސްކްރިޕްޓް އަޑު އެހުމަށް ފަހު މުޅި މީހާ ފިނިވިކަމަށް ވިޖޭ ވަނީ ބުނެފައެވެ. މި ފިލްމު ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދާފައިވާއިރު ވިޖޭ ބުނެފައިވަނީ ހަގީގަތުގައި މި ފިލްމު ކުޅެން ވިޖޭ އެންމެ ފުރަތަމަ އެހާ ބޭނުންނުވި ކަމަށެވެ.

ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް--ފޮޓޯ/ދަހިންދޫ

މި ފިލްމުގެ ޑައިރެކްޓަރު ނިތިލަން ސުވަމީނަތަން ވިޖޭއަށް "މަހާރާޖާ" ހުށަހެޅިއިރު ވިޖޭ އެހެން ޑައިރެކްޓަރަކާ އެކު މާކުރިން ފިލްމަކަށް އެއްބަސްވެފައިވާކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް، ކަން ދިމާކުރި ގޮތުން ވިޖޭ ކުރިން ސޮއިކުރި ފިލްމު އުފައްދަން އެ ފިލްމުގެ ޑައިރެކްޓަރު ބޭނުންނުވުމުން ނިންމީ "މަހާރާޖާ"ގެ މަސައްކަތް ފެށުމަށް ކަމަށް ވިޖޭ ވަނީ ބުނެފައެވެ.

ފިލްމު "މަހާރާޖާ"ގެ ވާހަކަ ފެށެނީ ވަރަށް އާދައިގެ ގޮތަކަށް ނަމަވެސް ފިލްމުގެ ނިމުން ޝައުގުވެރިވެފައި ރީތި މިންވަރު ދެނެގަނެވޭނީ މި ފިލްމު ބަލާލުމުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.