21 Jun 2012, 09:26
ވޮޝިންގޓަން (ޖޫން 21): އީރާނަކީ ނިއުކްލިޔާ ޤައުމެއް ކަމަށާއި ބޭނުންވެއްޖެ ނަމަ ނިއުކްލިޔާ ހަތިޔާރެއް އުފެއްދޭ މިންވަރަށް އެޤައުމުގައި ނިއުކްލިޔާ ޢިލްމާއި ޓެކްނޮލޮޖީ އާއި އެކަމަށް ބޭނުންވާ މާއްދާތައް އެބަހުރި ކަމަށް އެމެރިކާގެ ތަޖްރިބާކާރުން ބުނެފި އެވެ.
ވޮޝިންގްޓަންގައި ހުންނަ ސްޓްރެޓީޖިކް ދިރާސާތަކާ ބެހޭ މަރުކަޒުގެ ރީސާޗަރެއް ކަމަށްވާ ސްޓީވަން ރެޑިމިކާ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ދިފާޢީ ކޮމިޓީ އަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ ބޭނުންވެއްޖެ ހިނދެއްގައި ދެތިން މަސްދުވަހުގެ ތެރޭގައި ނިއުކްލިޔާ ބޮމެއް އުފެއްދުމަކީ މިހާރު އީރާނަށް ކުރެވޭނެ ކަމެއް ކަމުގަ އެވެ.
ސްޓީވަން ވިދާޅުވީ ނިއުކްލިޔާ ބޮމުގައި ބޭނުންވާ ފެންވަރަށް ޕްލޮޓޯނިޔަމް ތައްޔާރުކުރުމަށް ބޭނުންވާ ހައިޓެކް ސެންޓްރިފިއުޖް މެޝީންތައް އީރާނުން އުފައްދާ ކަމުގަ އެވެ. އަދި އީރާނުގައި މިހާރު ހުރި 3.5 ޕަސެންޓަށް ފައްކާކޮށްފައިވާ 3345 ކިލޯގްރާމްގެ ޔޫރޭނިޔަމް ނިއުކްލިޔާ ބޮމެއް އުފެއްދޭ މިންވަރަށް ފައްކާކުރުމަށް އީރާނަށް ބޭނުން ވާނީ 35 ދުވަހާއި 106 ދުވަހުގެ މުއްދަތެއް ކަމަށާއި މިޔޫރޭނިޔަމުން އެކަނިވެސް ނިއުކްލިޔާ ދެ ބޮން އުފެއްދިދާނެ ކަމުގަ އެވެ.
އީރާން މިހާރު ވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދޭ މިންވަރަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްޤީކޮށްފައިކަމީ ހަޤީޤަތެއް ކަމަށާއި ނަމަވެސް އެޤައުމުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ކަމާއި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ސިޔާސަތެއް ގެންގުޅޭ ކަމުގެ ހެއްކެއް ފެނިފައި ނެތް ކަމަށް ސްޓީވަން ވިދާޅުވި އެވެ. ސައެންސާއި އިންޓަނޭޝަނަލް ސެކިއުރިޓީގެ ދިރާސާތަކާ ބެހޭ އެމެރިކާގެ މަރުކަޒުގެ ވެރިޔާ ޑޭވިޑް އޯލްބްރައިޓް ވިދޅުވިގޮތުގައި އީރާނަކީ ފުރިހަމަ މާނައިގާ ނިއުކްލިޔަރ ޤައުމެކެވެ.
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވޭވަރަށް ވުރެ ނިއުކްލިޔާ ޓެކްނޮލޮޖީގައި އީރާން ކުރިޔަށް ގޮސްފައިވާ ކަމަށާއި ބޭނުންވެއްޖެ ހިނދެއްގައި ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި ނިއުކްލިޔާ ދެބޮން އީރާނަށް އުފެއްދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްޤީ ކޮށްފައި މިވަނީ އެމެރިކާ އާއި ޔޫރަޕުން އެޤައުމާދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވުމުގެ އިތުރުން ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމުގައި ގަލްފުގެ ޢަރަބި ޤައުމުތަކާއި އެމެރިކާ އާ ހުޅަނގުގެ ޤައުމުތައް ގުޅިގެން އީރާނާ ދެކޮޅަށް އަށް އަހަރުގެ ދިގު ހަނގުރާމައެއް ކޮށްފައިވަނިކޮށެވެ. އީރާނުގެ އިސްލާމީ އިންޤިލާބާ ގުޅިގެން އެ ޤައުމާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުން އެޅި ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކަށް މިހާރުވަނީ 33 އަހަރުވެފަ އެވެ. (ނޫސްއެޖެންސީތައް)