20 Jul 2024, 16:31
ޗައިނާގެ އެހީތެރިކަމާއެކު, މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (އެމްއެމްއެސް)އަށް އާ ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ގެނެސްފިއެވެ.
މި ނިޒާމު އެންވަޔަރަމަންޓް މިނިސްޓްރީން ގެނެސްފައި ވަނީ ޗައިނާގެ އެކަޑަމީ އޮފް ސައިންސަސްގެ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިންގެ އެހީތެރިކަމާއެކުއެވެ.
މި ސިސްޓަމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސިސްޓަމާ ހަވާލުވެފައި ވަނީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ، އެމްއެމްއެސްއަށް ގެނައި އާ ލައިޓްނިން ޑިޓެކްޝަން ސިސްޓަމާއެކު މޫސުން ގޯސްވެ، ވިދާގުގުރުމާ ގުޅޭ ކަންކަން ދުރު ރާސްތާއަކުން ވަގުތުން ދެނެގަނެވޭނެ ކަމަށެވެ.
ޗައިނާގެ އެހީގައި އެމްއެމްއެސްއަށް ވިދުވަރުގެ ގަޑި ޗެކުކުރާ ސިސްޓަމެއް ގެނެސްފި: މެޓުން ބުނީ މި ސިސްޓަމް ބޭނުންކޮށްގެބް އޭވިއޭޝަނަށް ބޭނުންވާ އެލާޓު ނެރެވޭނެ ކަމަށް -- ފޮޓޯ/ މެޓް އޮފީސް
މި ސިސްޓަމާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތުދެމުން މެޓް އޮފީހުން ބުނީ މިއީ މީގެ ކުރިން އެމްއެމްއެސްގައި ނެތް ސިސްޓަމެއް ކަމަށެވެ.
މި ސިސްޓަމަކީ ރާއްޖޭގެ ވަށައިގެންވާ ސަރަހައްދުގައި ވިދުވަރުގެ ގަޑި ޗެކް ކުރާ ސިސްޓަމެއް ކަމަށާއި ޚާއްސަކޮށް މި ސިސްޓަމް ބޭނުންކުރާނީ އޭވިއޭޝަން މަސައްކަތަށް ކަމަށް އެ އޮފީހުން ބުންޏެވެ.
މީގެ ކުރިން މިފަދަ މައުލޫމާތު ލިބޭނީ ސްޓޭޝަން ހުންނަ ސަރަހައްދުތަކަށް އެކަނި ކަމަށް އެ އޮފީހުން ބުންޏެވެ.
ނަމަވެސް މި ސިސްޓަމާއެކު މިހާރު އޭވިއޭޝަނަށް ދޭން ޖެހޭ އެލާޓުތައް ވެސް ނެރެވޭނެ ކަމަށް މެޓުން ބުންޏެވެ.