21 Jun 2012, 09:20
ރިއޯޑިޖިނޭރޯ (ޖޫން 21): ރިއޯ ޕްލަސް 20 ސަމިޓްގެ ނަމުން ނަންދެވިފައިވާ ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭ ދުނިޔޭގެސަމިޓް ބްރެޒިލްގެ ރިއޯޑިޖިނޭރޯގައި ފެށިގެން ކުރިޔަށް އެބަދެ އެވެ.
1992ގައި ރިއޯޑިޖިނޭރޯގައި ބޭއްވި އާތު ސަމިޓަށް ވިހި އަހަރު ފުރޭ މުނާސަބަތާގުޅުވައިގެން ބާއްވާ ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭ ރިޔޯ+ 20 ސަމިޓްގެ ބޭނުމަކީ ދުނިޔެ އިން ފަގީރުކަން ނައްތާލުމާއި ތިމާވެށި ހިމާޔަތް ކުރުމުގެ ބައިނަލްއަޤްވާމީ އައުއެއްބަސްވުމެއް ވުޖޫދަށް ގެނައުމެވެ. ދުނިޔޭގެ 92ގައުމެއްގެ ވެރިންނާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ބައިވެރިވެ ވަޑައިގަންނަވާ މިސަމިޓްގެ ޢަމަލީ މަޝްވަރާތަކާއި ސައްލާތައް މީގެ ދިހަ ދުވަސް ކުރިން ވަނީ ފެށިފަ އެވެ.
ރިޔޯ ޕްލަސް 20 ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންގެ ތެރޭގައި އިންޑިޔާގެ ބޮޑު ވަޒީރު މަންމޯހަން ސިންގާއި ދެކުނު އެފްރިކާގެ ރައީސްޖާކޯބް ޒޫމާ އާއި ފަރަންސޭސި ރައީސް ފްރާންސުވާ އޮލަންޑޭ އާއި ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އާއި ޗައިނާގެބޮޑު ވަޒީރު ވެންޖިއާބާއޯގެ އިތުރުން ކުރިއަރަމުން އަންނަ ގިނަ ޤައުމުތަކުގެ އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ. މިގޮތުން ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި އިސް މަސްއޫލުވެރިންނާއި އެކްޓިވިސްޓުންގެ ތެރެއިން 191 ބޭފުޅަކު މިސަމިޓްގައި ތަޤްރީރު ކުރައްވުމަށް ހަމަޖެހިފައިވެ އެވެ.
މިސަމިޓްގައި ހިމެނޭ ދުނިޔޭގެ ލީޑަރުންގެ ބައްދަލުވުންތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ އިއްޔެ އިން ފެށިގެން ތިންދުވަހުގެ މުއްދަތަށެވެ. އިއްޔެ ސަމިޓް ފެށުމަށް ފަހު މިއަދު ވެސް ކުރިޔަށްދަނީ ޤައުމުތަކުގެ އިސްވެރިންގެ ތަޤްރީރު ދެއްވުމުގެ ކަންތަކެވެ. މާދަމާ އޮންނާނީ މީގެ ދިހަ ދުވަސްކުރިން ކުރިޔަށްދާ ތަރައްޤީއާއި ތިމާވެށީގެ އެކްޓިވިސްޓުންނާއި ތަޖްރިބާކާރުންނާއި ރިސޯސްބޭފުޅުން މަޝްވަރާކުރައްވައި އެކުލަވާލެއްވި ދުނިޔެ އިން ފަގީރުކަން ނައްތާލުމާއި ތިމާވެށި ހިމާޔަތްކުރުމާ ބެހޭ 53ސަފްހާގެ އެއްބަސްވުން ފާސްކުރުމުގެ މަސައްކަތެވެ. ރިޔޯ ޕަލަސް 20 ސަމިޓުގައި ބައިލައްކައެއްހާ އެކްޓިވިސްޓުންނާއި ތަޖްރިބާކާރުންނާއި ރިސޯސްބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ.
މިއެއްބަސްވުން ފާސްކުރުމަކީ ބޮޑު އަދި އުނދަނގޫ މަސައްކަތެވެ. ސަބަބަކީ ދުނިޔެއިން ފަގީރުކަން ނައްތާލުމާއި ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ މިއެއްބަސްވުމުގެ ދެލިކޮޕީއާމެދު ސަމިޓްގައި ބައިވެރިވާ ދުނިޔޭގެ ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތުވުމެވެ. ޚާއްސަކޮށް ތިމާވެއްޓާ ރަޙްމަތްތެރި ފެހި އިގްތިސާދަކަށް މަގުފަހިވާގޮތަށްއެކުލަވާލާފައިވާ މިއެއްބަސްވުމާމެދު ދުނިޔޭގައި ސިނާޢީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކާއި ކުރިއަރަމުން އަންނަ ޤައުމުތަކުގެ ޚިޔާލުތައް ވަރަށް ބޮޑަށް ތަފާތު ވެފައިވެ އެވެ.
އެހެންކަމުން މިސަމިޓުުން އެދެވޭ ނަތީޖާއެއް ނުކުތުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)