13 Aug 2024, 08:48
"މި ބައްޕަވެސް ދޯ. މީހަކަށް ފިޔަވަޅެއް އަޅާނުލެވޭނެ. މިޔަށްވުރެ ބޮލަށް ފަސޭހަވާނެ ތޯއްޗެއް އެ ރަޔާންއަކާ އިނދެގެން ބައްޕަގެ ކައިރިން ސަލާމަތްވިޔަސް. އުހުނ. އޭރަށްވެސް އަހަރެންގެ އެހެން އުފާތަކުން މަހުރޫމުވާނެ.... ނެތް ރަނގަޅު އެއްގޮތެއްވެސް.... ބޯހަލާކު...." ކުދި ކިޔަމުން ޔަލްވީ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
********
"ރަޔާން އައިއްސިއޭ ދަރިފުޅާ. ތަންކޮޅެއް އަވަސްކޮށްލަބަލަ!" ޔަލްވީ ނުކުތް ތަން ފެނުމުން ނިމާލު ބުނެލިއެވެ.
"ފޯރިއެއް އެބަ ހުއްޓެއްނު. އަހަރެން ނޫޅެން އެމީހާގަނޑާއެކީ ދާހިތަކުން. އަދި ކޮންމެހެން މާ މާތްވާން އަހަރެމެން ބަލާ އަންނަން ޖެހޭތަ؟ މިވީގޮތުން ހިނގާފަ ކަންނޭނގެ ދާންވެސްޖެހޭނީ. ފޫހިވެގެން ގޮސް މޮޔަވާވަރުވޭ" ޔަލްވީ އަމިއްލަ ނަފުސަށް އިވޭވަރަށް ކުދި ކިޔަމުން ގެއިން ނުކުތެވެ.
ރަޔާންގެ ނަޒަރު ޔަލްވީއަށް ހުއްޓުނީ ބޭއިހުތިޔާރުގައެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހެން ދިމާއަކަށް ބަލަން ނޭނގިފައި ރަޔާނަށް ހުރެވުނެވެ. ޔަލްވީ ލައިގެން ހުރީ ދިގު ހެދުމެކެވެ. ހެދުން ގަޔަށް ބާރުކޮށް ހުރި ނަމަވެސް، އެހެން ދުވަސްދުވަހާއި ހިލާފަށް ހަށިގަނޑުގެ ބޮޑު ބައެއް އޮތީ ނިވާވެފައެވެ. މެރޫން ކުލައިގެ ދިގު ހެދުން ފައިތިލައާއި ހަމައަށް ހުރިއިރު، ހެދުމުގެ އަތް އޮތީ އުޅަނބޮއްޓާއި ހަމައަށެވެ. ހެދުމުގެ ކުލަ ޔަލްވީގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. ޔަލްވީގެ ފަން އިސްތަށިގަނޑު ގަތާލާފައި ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލާފައި އޮތުމުން ދޮން ކަނދުރާ އޮތީ ހާމައަށް ފެންނާށެވެ. ކަނދުރާ ފަޅުފިލުވާލާފައިވީ ޔަލްވީ އަޅައިގެން ހުރި އަލިމަހުގެ ރިހި ހާރުންނެވެ.
ރަޔާން ބަލަން ހުރި ތަން ފެނުމުން ޔަލްވީ ދެލޯ އަޅައިލިއެވެ. ރަޔާނަށް ހަމަހޭވެރިކަންވީ ދެނެވެ. އަވަހަށް ޖީބަށް އަތްޖަހާލުމަށްފަހު، އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ.
"ވަރަށް ދުރުގަތަ ގެ ހުންނަނީ؟" ރަޔާން އެއްޗެއް ނުބުނުމުން އިސްނެގީ ނިމާލެވެ.
"އެހާ ކައިރިއެއް ނުވާނެ" ރަޔާން ދިނީ ކުރު ޖަވާބެކެވެ.
ރަޔާންގެ ގެއާއި ހަމައަށް ދެވެންދެންވެސް އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެންމެންވެސް ތިބީ ނުތަނަވަސްވެފައެވެ. ރަޔާންގެ ހާލު މާ ބޮޑެވެ. އޭނާއަށް ވިސްނެމުން ދިޔައީ ރަޒީނާ އާއި މެދުގައެވެ. ރަޒީނާއަށް ޔަލްވީ ކަމުދާނެ ހެއްޔެވެ؟ މަންމަ އެ ކައިވެންޏާއި ރުހޭނެ ހެއްޔެވެ؟
"މީ އަޅުގަނޑުމެންގެ ގެ" ގެއާއި ހަމައިން ހުއްޓިފައި ރަޔާން އިޝާރާތްކުރީ ކުރިމަތިން ފެންނަން ހުރި ގެއަށެވެ. "މިގޭގަ އަޅުގަނޑާ މަންމަ ފިޔަވާ އިތުރު މީހަކު ނޫޅޭނެ"
ދެ ފުރާޅަށް ވާހެން ހިޔާކޮށްފައި ހުރި ކުޑަކުޑަ ގެއެކެވެ. ގޭގެ ބޭރުގައި ސިމެންތި ޖަހާފައެއް ނުވެއެވެ. ފެންޑާކޮޅު ސަތަރިން ހިޔާކޮށްފައި އޮތްއިރު، އެބަޔަށް އޮތީ ދޮންވެލި ލައި، ޖޯލިފަތި ބަހައްޓާފައެވެ. ގެއަށް ވަންނަން ހުރީ ޝާހީ ދޮރެއް ނޫނެވެ. އާދައިގެ ފިލައިން ޖަހާފައިވާ ހަނި ދޮރެކެވެ. ގޭގެ ވަށާފާރު ރާނާފައިވަނީ ތެޅިގަލުންނެވެ. ފާރު ތިރިކަމުން ގޯތިތެރެ އެއްކޮށް އޮތީ ފެންނާށެވެ. ބިޔަ ގަސްތަކުން މުޅި ގޯތި ތެރެ އޮތީ ހިޔާވެފައެވެ. ގޯތިތެރެ ކުނިކަހާ ރީއްޗަށް އޮމާންކޮށްލާފައި އޮތްއިރު، އަންނަން އުޅޭ މެހެމާނުންނަށް މަރުހަބާ ކިޔާ ކަހަލައެވެ. އެހާ ގިނަ ގަސް ހުރިއިރުވެސް އެންމެ ފަތެއްވެސް ވެއްޓިފައެއް ނެތެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަމުން ދިޔައީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ.
ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. އެހާ އާދައިގެ ނިކަމެތި ކުޑަ ތަނެއްގައި ޔަލްވީ އުޅޭނީ ކިހިނެތް ހެއްޔެވެ؟ ބޮޑު ގަނޑުވަރެއްގައި އުޅެފައި އެފަދަ ގެއެއްގައި އޭނާ ކެތް ކުރާނީ ކިހިނެއް ހެއްޔެވެ؟ ހަމަނޭވާވެސް ނުލެވޭނެއެވެ. ގޭގެ އެތެރެ އޮންނާނެ ގޮތް އެނގެނީކީ ނޫނެވެ. ޔަލްވީ ތުން ފިއްތާލަމުން ނަފީސާއަށް ބަލައިލިއެވެ. ދަރިފުޅުގެ ހާލާއިމެދު ހަމްދަރުދީ ވެވުނު ވަރުން ނަފީސާވެސް ހުރީ ފެންކަޅިވެފައެވެ. ދަރިފުޅުގެ ކައިވެނި ހަމަޖައްސާފައި އެރަށަށް ދޫކޮށްލަން ނިންމިއިރު، ދޫކޮށްލަން އުޅެނީ ކިހާ ވަރެއްގެ ތަނަކަށްތޯވެސް ނިމާލު ބަލައިނުލީތީ ނަފީސާ ހިތްހަމަނުޖެހުނެވެ.
ރަޔާންގެ ފަހަތުން ނިމާލު ހިނގައިގަން ތަން ފެނުމުން ނަފީސާ ނިމާލުގެ އަތުގައި ހިފައި ހުއްޓުވިއެވެ. ނިމާލު ނަފީސާއަށް ބަލައިލާފައި ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ދަރިފުޅާ ޔަލްވީ. މި އާދެވުނީއޭ" ނިމާލުގެ ނިންމުން ބަދަލުނުވާނެކަން އެނގުމުގެ ގޮތުން ބުނެލިއެވެ.
ނިމާލު ހިނިތުންވެލައިގެން ހުރި ނަމަވެސް ނަފީސާގެ މޫނު ވަނީ މިލައިގެން ގޮސްފައެވެ. ނަފީސާ ނިންމީ، ނިމާލަކީ ދަރިންނާއި ދޭތެރޭގައި ނުވިސްނާ ބައްޕައެއްގެ ގޮތުގައެވެ. ޔަލްވީގެ ބަނަވެފައިވާ މޫނު ފެނުމުން، ނިމާލަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެފަދަ ނާޒުކު ވަގުތެއްގައި ޔަލްވީ ކޮށްފާނެ ކަމެއް ނޭނގޭތީ، ނިމާލު ހުރީ ހާސްވެފައެވެ. ޔަލްވީ ގޮވައިގެން އައުމަށް ނަފީސާއަށް ލޮލުން އިޝާރާތްކޮށްފައި، ނިމާލު އެތެރެއަށް ވަނެވެ.
"ދަރިފުޅާ ހިނގާ! މިނޫން ގޮތެއް ނެތް" ނަފީސާގެ އަޑުގައިވީ މާޔޫސްކަމެވެ.
ޔަލްވީ އެތެރެއަށް ވަނީ ނަފީސާ އެތައް ވާހަކައެއް ދައްކައިގެންނެވެ. ރަޔާން އާއި ނިމާލު މަޑުކޮށްލައިގެން ތިބީ ގޯތިތެރޭގައި ހައްދާފައިވާ އެކި ވައްތަރުގެ މާ ގަސްތަށް ކައިރީގައެވެ. މާތައް ފެނުމުން ޔަލްވީގެ ދެލޯ ބޮޑުވިއެވެ. އެކިކުލަކުލައިގެ ފިނިފެންމަލާއި، ސައިމަލުގެ ބަގީޗާގައި މާތަށް ފަރިވެ ފޮޅިފައިވާއިރު ހިތް ފިދާވާހައި ފުރިހަމައެވެ. ޔަލްވީއަކީ މަލަށް ލޯބިކުރާ ކުއްޖެކެވެ. ވަގުތުން ސިކުނޑި ތާޒާވިހެން ޔަލްވީއަށް ހީވިއެވެ.
"އައްސަލާމްއަލައިކުމް" ދޮރުމަތީގައި ހުއްޓިލަމުން، ނިމާލު ސަލާން ގޮވާލިއެވެ.
ބަދިގޭގައި އުޅުނު ރަޒީނާ ސަލާން ބަލައިގަތެވެ. ގެއަށް މެހެމާނުން އަންނާތީ ރަޒީނާ އުޅުނީ އަތްމަތި އަވަސްކޮށްލައިގެންނެވެ. މޭޒުމަތީގައި އެތައް ތައްޓެއް އަތުރާފައި ހުއްޓެވެ. މުޅީންވެސް މެހެމާނުންނަށްޓަކައި ތައްޔާރުކޮށްފައިވާ ކާތަކެއްޗެވެ. ހުރިހާ އެއްޗެއް މޭޒުމަތީގައި ހަމައަށް އެތުރިފައި ހުރިތޯ ޔަގީން ކުރުމަށްފަހު ރަޒީނާ ކާގެއިން ނުކުތެވެ.
ރަޒީނާ ފެނުމުން ނިމާލު ދިޔައީ ސިއްސައިގެންނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އިހުސާސެއް ކުރެވުނެވެ. ރަޒީނާއަކީ ކުރީ ދުވަހު ޔަލްވީ އަޑުހަރުކޮށް ވާހަކަ ދެއްކި މީހާއެވެ. ލަދުގަތް ވަރުން ކުރިޔަށް ފިޔަވަޅެއްވެސް އަޅަން ނޭނގިފައި ނިމާލަށް ހުރެވުނީ ޔަލްވީ ކަންތައްކުރި ގޮތް ހިތަށް އެރުމުންނެވެ.
ރަޒީނާއަށްވެސް ވީ ނިމާލަށް ވީވަރެވެ. ކުރީ ދުވަހުގެ ހާދިސާ ދެންމެ ވީ ކަމެއްހެން ރަޒީނާގެ ހަނދާނުގައި އެބަހުއްޓެވެ. ރަޒީނާ މާޔޫސްވިއެވެ. އަމިއްލަ ދަރިފުޅަށް ހަޔާތުގެ ބައިވެރިޔަކު ހޯދައިދޭން އޭނާ ކިތަންމެހާވެސް ބޭނުންވެއެވެ. އެކަމަކު، އެއީ ޔަލްވީފަދަ ކުއްޖަކަށް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހުރިހާ ދުވަހު ރަޒީނާ ކުރި އުއްމީދުތައް ފެނަށް ވެގެން ދަނީ ހެއްޔެވެ؟ ޔަލްވީގެ ގައިން ހަރުދަނާ ކަމުގެ އެއްވެސް ކުލަވަރެއް ފެންނަން ނެތްއިރު، ރަޔާން އާއި ކައިވެނި ކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ހެއްޔެވެ؟ ރަޒީނާގެ ބޮލުގައި ރިއްސާލިއެވެ. ދަރިފުޅުގެ މުސްތަގުބަލަށް އެޅޭ ހުރަހަކަށް ޔަލްވީ ނުވާނެ ބާއޭ ރަޒީނާގެ ހިތަށް އެރިއެވެ.
"މަންމާ...." ރަޒީނާ ހުއްޓުން އަރާފައި ހުރިތަން ފެނުމުން، ރަޔާން އޭނާގެ މަންމައަށް ގޮވާލިއެވެ.
"ވަޓް؟ އޭނަ؟" ކުރީދުވަހުގެ ހާދިސާ ހަނދާންވުމުން ޔަލްވީއަށް ހިތާއިހިތުން ބުނެވުނެވެ.
ޔަލްވީގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ރަޔާންއާއި ދިމާވިފަހުން އޭނާގެ ހަޔާތުގައި ރަނގަޅު އެއްކަމެއްވެސް ނުވެއެވެ. އެކުއުޅެން ޖެހިފައިވީ، މުޅީންވެސް ނަފުރަތުކުރާ، ފޫހިވާ މީހުންނާއި އެކުގައެވެ. ޔަލްވީއަށް އޭނާގެ މަންމަގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ.
ރަޔާން ދެފަހަރަކު ގޮވާލި ނަމަވެސް ރަޒީނާއަކަށް އަޑެއް ނީވުނެވެ. ރަޒީނާ ޔަލްވީއަށް ބަލަން ހުރި ނަޒަރުން ކަމެއް ގޯސްވެއްޖެކަން ރަޔާންއަށް އެނގުނެވެ. ރަޔާންއަށް އެކަންވީ ޔަގީންވީ ޔަލްވީ ހުރި ގޮތުންނެވެ. ދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގާފައިވާހެން ރަޔާންއަށް ހީވިއެވެ.
"މަންމާ! އެމީހުން އެތިބީ އައިސް" ރަޒީނާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ރަޔާން މަޑުމަޑުން ބުނެލިއެވެ.
"ވަންނަވާ!" ގަދަކަމުން ހިނިތުންވެލި ނަމަވެސް ރަޒީނާގެ މޫނުން އުފާވެރިކަމެއް ނުފެނެއެވެ.
ނިމާލު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ރަޒީނާގެ ފަރާތުން ނުރުހުމުގެ ބަހެއް އަޑު ނީވުމުންނެވެ. އެހިސާބަށް ދިޔުމަށްފަހު އެއްވެސް ކަމެއް ގޯސްވާކަށް ނިމާލު ބޭނުމެއް ނުވިއެވެ.
ދަރިފުޅުގެ ހޮވުމާއިމެދު ކިތަންމެ ހިތްހަމަނުޖެހުނަސް، ފާޑުކިޔުމަކީ ރަޒީނާގެ އާދައެއް ނޫނެވެ. އަމިއްލަ އުފަލަށްވުރެ ދަރިފުޅުގެ އުފަލަށް ރަޒީނާއަށް އަބަދުވެސް އިސްކަމެއް ދެވެއެވެ. ރަޒީނާގެ މެހެމާންދާރީ ފުރިހަމައެވެ. ދެއްކީ ހިތްހެޔޮކަމުގެ ނަމޫނާއެވެ. މެހެމާނުން އިށީނުމަށް ގޮނޑި ފުހެދީ ހެދިއެވެ.
"އަހަންނަށް މާފުކުރޭ މަންމާ!" ރަޔާން ހިތާއިހިތުން ބުނެލިއެވެ.
މަންމަގެ މޫނުމަތީގައިވި އުފާވެރިކަން ގެއްލިފައިވާތަން ފެނި ރަޔާން ދެރަވިއެވެ.
"އެއްޗެހި ހިހޫ ނުވަނީސް ކާންވާނެއެއްނު" އެންމެން މާ މަޑުން ތިބުމުން ރަޒީނާ ބުނެލިއެވެ.
"ވަރަށް ރަނގަޅު ކަމެއް ތީ. މިހާ މީރުވަސް ދުވަންޏާ، ކިހިނެއް ނުކައި މަޑުކުރާނީ" ނިމާލު މަސައްކަތްކުރީ ރަޒީނާއާއި ގާތް ގުޅުމެއް އުފެއްދޭތޯއެވެ.
ކެއުމުގެ ވަގުތުގައިވެސް ޔަލްވީ އަނގަޔަކުން ނުބުނެއެވެ. ޔަލްވީ ގަޔާނުވެފައި އިނަސް، ނިމާލު ރަނގަޅަށް ކެއެވެ. އެހާވަރަށް ރަޒީނާއަށް ތައުރީފު ކުރިއެވެ. ނަފީސާވެސް އިނީ ރަޒީނާ ކެއްކި އެއްޗެހި މީރުވެފައެވެ. އެކަމަކު ރަޔާންދެކެ އައިސްފައި އިން ރުޅިން އަނގައިން ބުނާކަށް ބޭނުމެއް ނުވިއެވެ.
"ހުރިހާ އެއްޗެއްވެސް ވަރަށް މީރު" ކައިގެން ނުކުންނަމުން ނަފީސާ ބުނެލިއެވެ.
ރަޒީނާ ހިނިތުންވެލިއެވެ. ދެމަފިރިންގެ ރީތި އާދަތައް ހުރިނަމަވެސް، އެމީހުންގެ ދަރިފުޅުގެ ގައިގައި އެފަދަ އެއްވެސް ސިފައެއް ނެތޭ ރަޒީނާގެ ހިތަށް އެރިއެވެ. ތަށިތަކުގައި މަތި ޖަހާފައި ރަޒީނާ ބޭރަށް ނުކުތްއިރު، އެންމެންވެސް ތިބީ ބަނބުކެޔޮ ގަސްދަށުގައި ބަހައްޓާފައިވާ ޖޯލިފަތީގައި އިށީނދެލައިގެންނެވެ.
ކައިވެންޏާއި ބެހޭގޮތުން ދެފަރާތުގެ އާއިލާއިން މަޝްވަރާ ކުރަމުން ދިޔައިރު، ޔަލްވީ އާއި ރަޔާން އެއްވެސް އެއްޗެއް ނުބުނެއެވެ. ރަޔާން ބަސްމަދުވެފައި އިންގޮތުން އެކައިވެނި ކުރަން އެހާ ބޭނުން ނުވާހެން ރަޒީނާއަށް ހީވިއެވެ.
"ދަރިފުޅު ދޭބަލަ ޔަލްވީއަށް ގޭތެރެ ދައްކާލަން" ރަޒީނާ އެދުނެވެ.
ރަޔާން ބޯ ޖަހާލާފައި ތެދުވިއެވެ. ޔަލްވީ އިނީ ތެދުވަންވެސް ބޭނުންނުވެފައެވެ. ނިމާލު ފާޑަކަށް ބަލައިލުމުން، ޔަލްވީ ފޫހިގޮތަކަށް ތެދުވިއެވެ. އެގޭގައި ޔަލްވީ ބަލަން އޮންނާނީ ވަކި ކޮން ތަނެއް ހެއްޔެވެ؟ އެއީ ޔަލްވީ ހިތްއެދޭ ކަހަލަ ސިފަތަކެއް ހުރި ގެއެއް ނޫނެވެ. ރަޔާން އާއި ދިމާއަށް ބަލާލުމެއް ވެސް ނެތި ޔަލްވީ ރަޔާންގެ ފަހަތުން ހިނގައިގަތެވެ.
"މީ އަހަރެންގެ ކޮޓަރި. ޔަލްވީ ބޭނުމިއްޔާ އެތެރެއަށް ވަދެލިއަސް އެންމެ ރަނގަޅު" ކޮޓަރިއާއި ހަމައިން ރަޔާން ހުއްޓުނެވެ.
"މާ ރީތި ގެއެއްތަ މީ ތަންތަން ދައްކަން؟ އަހަރެން ނޫޅެން މިގޭގެ ތަންތަން ބަލާހިތަކުން. ލަދެއްވެސް ނުގަނެއެއްނު ކޮޓަރިއަށް ވަންނާށޭ ބުނާކަށް" ޔަލްވީ ރުޅި އައިސްގެން ރަޔާން އާއި ދިމާއަށް ލޯ އަޅައިލިއެވެ.
"ޔަލްވީ މިގެއަށް އައިސް އުޅެންޖެހޭ ކޮޓަރިވީމަ ބުނެލީ" ރަޔާން ދެކޮނޑު އަރުވައިލިއެވެ.
"ބުނެފީމެއްނު ނޫޅެމޭ ބަލާކަށް" އެގެއަށް އަންނަ ވާހަކަ ބުނުމުންވެސް ޔަލްވީ ރުޅިގަދަވިއެވެ.
"ޔަލްވީގެ ޝައުގުވެރިކަމެއް ނެތިއްޔާ ހިނގާ ބޭރަށް ނުކުންނަމާ ދޯ. މަންމަ ހައްދާފަ ހުރި ވަރަށް ރީތި މާގަސް ހުންނާނެ މިދިމާ ބޭރުގަ. މިދުވަސްކޮޅު އެބަހުރި ވަރަށް މާ އަޅާފަ" ޔަލްވީ މަލަށް ޝައުގުވެރިވާކަން އެނގިހުރެ ރަޔާން ބުނެލިއެވެ.
(ނުނިމޭ)