ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވަށް ދިވެހިރާއްޖެ ވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިކަން އިޢުލާން ކުރެއްވީ، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ބްރޭޒިލްގެ ރިއޯ ޑި ޖެނީރޯގައި އިއްޔެ ފެށި ރިއޯ ސަމިޓުގައި ތަގުރީރު ކުރައްވަމުންނެވެ. ރިއޯ ސަމިޓްގައި ރައީސް ވަހީދު ތަގުރީރު ކުރެއްވީ ރާއްޖޭ ގަޑިން ރޭ 8.15 ގަ އެވެ.

ރައީސް ވަހީދު ވިދާޅުވީ މި ސިޔާސަތުގެ ދަށުން ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ހިތްވަރު ދެވިގެންދާނެ ކަމަށާއި، މަސްވެރިކަން ތަރައްޤީ ކުރުމުގައި ކަނޑުފަޅުތަކަށް ގެއްލުންދެނިވި އެއްވެސް ބާވަތެއްގެ މަސްވެރިކަމަކަށް ޖާގަނުދެވޭނެ ކަމަށެވެ.

ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށްވާން ވަރުގަދަ ޢަޒުމެއްގައި މަސައްކަތްކުރާ ޤައުމެއްކަން ދުނިޔެ ޤަބޫލުކުރާ ކަމަށާއި، ކުރި މަގުގައި ރާއްޖޭގައި ކަރަންޓު އުފައްދަން ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިރުން އުފައްދާ ހަކަތަ ކަމަށާއި، އަނެއް 40 ޕަސެންޓައކީ ތިމާވެށްޓާ ރަޙްމަތްތެރި ބާވަތްތަކުގެ ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް، ބަދަލުވި ތިން ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމީ، ދެމެހެއްޓެނިވި ތަރައްޤީއަށް އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރާއްޖެދޭ ސަމާލުކަން އަންގައިދޭ ހެއްކެއް ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ސާސްކަފުގެ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމުގެ މަގުމަތީގައި ރާއްޖެ އޮތް ކަމަށެވެ.

ދެމެހެއްޓެނިވި ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް އޮންނާނެ ކަމަށާއި އެއީ ދުނިޔެ ބަލައިގެންފައިވާ ޙަޤީޤަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ހަމައެކަނި ސަލާމަތްތެރިކަން ނޫން ކަމަށާއި، ރާއްޖޭގެ ފަސްގަނޑުގައި ދިރިއުޅުން ބިނާކޮށް، ކުރިއަށް ދާން ބޭނުންވާ ކަމަށް ވެސް ރައީސްގެ ތަގުރީރުގައި ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިވަގުތު ދިވެހިންނަށް ކުރިމަތިވެފައިވަނީ ތާރީޚުގައި މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާކޮށްފައިނުވާ ގޮންޖެހުންތަކެއްކަން ފާހަގަކުރެއްވެވި އެވެ. ވިދާޅުވީ މި ދަނޑިވަޅު ސިޔާސީ ގޮތުންނާއި ރަށްވެހިކަމުގެ ގޮތުން ވަރަށް ބޮޑު ބަދަލުތަކެއް ރާއްޖެއަށް އަންނަމުންދާ ކަމަށާއި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުމަށާއި، ޤައުމުގައި އޮތް ޑިމޮކްރަސީގެ ބިންގާ ހަރުދަނާ ކުރަން އެކަށީގެންވާ ސިޔާސަތުތަކާއި މަސައްކަތްތަކެއް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ 20 އަހަރު ކުރިއާ އަޅާބަލާއިރު ދުނިޔެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ ޙައްސާސްކަން ބައިނަލްއަޤްވާމީ މައިދާންތަކުގައި ވަރަށް ބޮޑަށް ވަޒަންކުރެވިފައިވާކަން ފާހަގަކުރެވޭ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން ކުޑަކުދިންނާއި ޒުވާނުން، ލިބިދޭންޖެހޭ އަސާސީ ގިނަ ޙައްޤުތަކަކުން މަޙްރޫމްވެ ކަމަށެވެ. އެ ކުޑަކުދިންނާއި ޒުވާނުންގެ ކުރިމަގު، އެތައް ގޮތަކުން ބަނަވެފައިވާ ކަމަށެވެ.