ރީތި ލޯބީގެ ފިލްމު "ދަޅަކް"އިން އެކު އެކީގައި ބޮލީވުޑަށް ނުކުތް ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި އިޝާން ހައްތަރު ދަރުމާ ކުންފުނީގެ އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.

އެކީގައި ފިލްމަކުން ނުފެނި ހަ އަހަރު ވުމަށްފަހު ދެ ތަރިން އެކީގައި މަސައްކަތް ކުރަން ނިންމި ފިލްމަކީ ޤައުމީ އެވޯޑު ލިބިފައިވާ ޑައިރެކްޓަރު ނީރަޖު ގެވަންގެ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގް މޫންގައި ބުނެފައިވާ ގޮތުން ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ ބޯޕާލްގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

އިޝާން ހައްތަރު އަދި ޖާންވީ ކަޕޫރު ފިލްމު "ދަޅަކް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޖާންވީ އާއި އިޝާންއާ އެކު ފިލްމު "ޓައިގާ3"ގެ މުހިއްމު ރޯލް ކުޅުނު ޒުވާން އެކްޓަރު ވިޝާލް ޖެތުވާ މި ފިލްމުން ފެންނާނެއެވެ.
ފިލްމާ ބެހޭ މާގިނަ ތަފުސީލުތައް ހާމަނުކުރި ނަމަވެސް މިއީ ވަރަށް 'އިމޯޝަނަލް ހިއުމަން ޑްރާމާ'އެއްގެ ގޮތުގައި މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

ފިލްމުގެ ސްކްރިޕްޓް ނީރަޖް ތައްޔާރުކުރަމުން އަންނަތާ ދެ އަހަރު ވެފައިވާއިރު އިޝާން އާއި ޖާންވީގެ ޖޯޑާ ވަރަށް ގުޅޭ ގޮތަކަށް ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އަހަރު ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ ބަތަލާ ޖާންވީ އަކީ މިވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެތެރެއިން އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާއެވެ.

ބޮލީވުޑް ފަތަހަ ކުރުމަށް ފެށި ދަތުރުގައި ދާދިފަހުން ޖާންވީ ވަނީ ސައުތު ސިނަމާގެ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ. ފިލްމު "ދަޅަކް"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް އެކްޓަރު އިޝަން ހައްތަރު ފަހުން ކުޅުނު ފިލްމުތަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. އިޝާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރި ފިލްމު "ޕިއްޕާ"އިންނެވެ.