މި މަހުގެ 12ވަނަ ދުވަހު އިންޑިއާގައި ބޭއްވި އެ ޤައުމުގެ މަހުޖަނު އަމްބާނީ އާއިލާގެ ކައިވެނީގެ ހަފުލާތަކަށް ފަހު އިތުރު ކައިވެނީގެ ހަފުލާއެއް އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވަން އެ އާއިލާއިން ރާވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޭޝިއާގެ އެންމެ މުއްސަނދި ޝަހުސިއްޔަތުގެ ލަގަބު ހޯދާފައިވާ މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އާއި އަންހެނުން ރާދިކާގެ ކައިވެނީގެ އިތުރު ހަފުލާއެއް ލަންޑަންގައި ބޭއްވުމަށް ނިންމާފައި މިވަނީ މި ކައިވެނީގެ ރަސްމިއްޔާތުތައް ނިމުނު ކަމަށް ގިނަ ބަޔަކު ނިންމައިގެން ތިއްބައެވެ.

މި އަހަރުގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ކައިވެންޏާ ގުޅިގެން އެކި ކަހަލަ ރަސްމިއްޔާތުތައް މި އަހަރު ފެށުނީއްސުރެ އަންނަނީ ބާއްވަމުންނެވެ.

ރާދިކާ ނީތާ އަމްބާނީ އަދި އެ އާއިލާގެ އެހެން މެމްބަރުންނާ އެކު--ފޮޓޯ/ކޮއިމޮއި
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ލަންޑަންގައި ބާއްވާ ކައިވެނީގެ ހަފުލާއަށް އެ ޤައުމުގެ އިސްވެރިންނާއި ނޫފުޒުގަދަ އެތައް ބަޔަކަށް ދަޢުވަތު ދެވޭނެއެވެ.

މި ޚަބަރާއެކު ބައެއް މީހުން ބުނެފައި ވަނީ ލަންޑަންގައި މިވަގުތު ދުވަސްތައް ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރުމާ އަދި ފިރިމީހާ ވިރާޓު ކޮލީ ވެސް މި ހަފުލާއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިހާތަނަށް ބޭއްވި މި ކައިވެނީގެ އެއްވެސް ހަފުލާއެއްގައި އަނުޝްކާގެ ދެމަފިރިން ބައިވެރިވެފައެއް ނުވެއެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހުގެ ނިޔަލަށް ކައިވެނީގެ ހަފުލާތައް ކުރިޔަށްދިޔައިރު ދުނިޔޭގެ މަޝްހޫރު އެތައް ފަންނާނުންގެ އިތުރުން ޤައުމުތަކުގެ ވެރިންނާއި ސިޔާސީ ނުފޫޒުގަދަ ޝަހުސިއްޔަތުތައް ކައިވެނީގެ ހަފުލާތަކުން ވަނީ ފެނިފައެވެ. އޭގެތެރޭގައި މަޝްހޫރު އެމެރިކަން ސެލެބްރިޓީ ކިމް ކާޑޭޝިއަން އާއި ކްލޯއީ ކާޑޭޝިއަން ވަނީ މި ހަފުލާއިން ފެނިފައެވެ.

މީގެއިތުރުން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އަނަންތު އާއި ރާދިކާގެ ކައިވެނީގެ ހަފުލާތަކުގައި ވަރަށް ފޯރިއާއި ޖޯޝާއެކު ބައިވެރިވެފައެވެ. އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު ހޭދައެއްކުރި 'އަގު ބޮޑު ކައިވެނީ'ގެ ގޮތުގައި އަނަންތު އާއި ރާދިކާގެ ކައިވެނި ގިނަ ބަޔަކު ސިފަކުރާއިރު ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ކައިވެންޏަށް 600 މިލިއަން އެމެރިކާ ޑޮލަރު ވަނީ ހޭދަކޮށްފައެވެ.