19 Jul 2024, 21:48
ޑޮލަރު ވިޔަފާރިކުރުމުގައި މަކަރާއި ހީލަތް ހެދި ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެ އިދާރާއިން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މީގެ ދެ ދުވަސްކުރިން 17ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އިތުރަށް އެ ކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑޮލަރު ވިޔަފާރި ކުރުމަށް އެކި ވައިބާ ގްރޫޕުތައް ފުޅާ ދާއިރާއެއްގައި ހިންގައި އުޅެއެވެ. އާންމު ގޮތެއްގައި މި ފަދަ ގްރޫޕުތަކުގައި ނުދަންނަ މީހުންގެ ދެމެދު މުއާމަލާތް ހިންގާއިރު އެ ކަން ކުރަނީ އޮންލައިން ޓްރާންސްފާ މެދުވެރިކޮށެވެ.
މަކަރު ހަދާ މީހުން އެ ފަދަ އޮންލައިން ޕްލެޓްފޯމުތައް ބޭނުންކޮށް މީހުންގެ އަތުން ޑޮލަރަށްވާ ދިވެހި ފައިސާ ޓްރާންސްފާކުރުވުމަށްފަހު ފިލަނީއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ ބަލި މީހުންނަށް ބޭންކް ރޭޓުގައި ޑޮލަރު ވިއްކާ ކަމަށް ބުނެ ސްކޭމެއް ހިންގަން ފަތުރާތީ ސަމާލުވާން އަންގައިފައެވެ.