19 Jul 2024, 22:06
ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް އެ ކުންފުނީގެ ވެރިންގެ މުސާރަ ކުޑަކޮށް، ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން މިފްކޯގެ މީޑީއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑު) 'ސަން'އަށް ވިދާޅުވީ، އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެ ކުންފުނީގެ މައްސަލަތައް ދެނެގަނެ، ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.
އެގޮތުން، މިފްކޯގެ ކުންފުނި ހަރުދަނާ ކުރުމަށް ކުރިއަށްދާ 'މިފްކޯ އެފިޝަންސީ އެކްސަސައިޒް'ގެ ދަށުން ބައެއް ފިޔަޅުތައް އެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިދިޔަ ބުދަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުންފުނިން އަޅަން ނިންމާފައިވާ ފިޔަޅުތަކަށް ބަލާއިރު، މިފްކޯގެ ސީއީއޯއިން ފެށިގެން ސީނިއާ މެނޭޖަރުންގެ ރޭންކުގައި ހިމެނޭ މުވައްޒަފުންނާއި، ސީނިއާ އަދި މެދު ފަންތީގެ ވެރިންގެ އަސާސީ މުސާރާއިން 20 އިންސައްތަ ކުޑަކުރުމާއި މުވައްޒަފުންގެ މުސާރައިގެ ފަރުގުތައް ކުޑަކުރުމަށް އޮނިގަނޑަށް އިސްލާހު ގެނައުން ހިމެނެއެވެ.

މިފްކޯގެ މަސް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް އާދައިގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ނުކުރާނަން އެއްވެސް މުވައްޒަފެއްގެ، އާދައިގެ މީހެއްގެ މުސާރަ ކުޑައެއް. ހަމައެކަނި އިސްވެރިންނާއި ސިޔާސީ ގޮތުން މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އެކަނި ކުޑަވަނީ،" އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން، މިފްކޯގެ ސައީދު ވިދާޅުވީ، މަސައްކަތް ދަށް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށާއި ކުންފުނީގެ ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވައި، އެހެން މީހުން ވަކި ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އިތުރަށް އެކުންފުނީގެ ބޯޑުން އަޅަން ނިންމި ފިޔަވަޅުތައް:
65 އަހަރުވުމަށް ފަހު ކޮންޓްރެކްޓް މުވައްޒަފުންނަށް ތިބި މީހުނަށް ތިން މަހުގެ ނޯޓިސްއެއް ދިނުމަށް ފަހު ވަކިކުރުން
- ޚާއްސަ ހާލަތްތަކުގައި ނޫނީ ކޮންޓްރެކްޓު މުވައްޒަފުން ނުނެގުން
- އެލަވަންސް ދިނުމުގެ އުސޫލަށް އިސްލާހު ގެނައުމަށް ޑެޕިއުޓީ ޙެޑް އެލަވަންސާއި އިންޖީނިއަރިން އެލަވަންސާއި ކޭން ޕްރޮޑަކްޝަން އެލަވަންސާއި ރިސްކް އެލަވަންސްގެ އިތުރުން ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުން.
- ވިލިމާލެ ފެރީ އެލަވަންސް ފިޔަވައި ބާކީ ހުރިހާ ފެރީ އެލަވަންސްތައް ދިނުން ހުއްޓައިލުން
- ކޮންޓެރްޓުގައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންމެހެން ބޭނުންވާ މީހުން ފިޔަވައި، މި މަހުގެ ފަހުން ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރުން
- ކޮންމެހެން މަސައްކަތް ކުރަން ޖެހިގެން ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން
- އަމިއްލައަށް ވަޒީފާއިން ވަކިވާން ބެނުންވާ މީހުންނަށް ތިނަ މަހުގެ ޕެކޭޖަކާއެކު، ވަކި ވުމުގެ ފުރުސަތު ދިނުން
ސައީދު ވިދާޅުވި ގޮތުގައި މިއީ އާ ސަރުކާރުން ހިންގުމާ ހަވާލުވެ ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.
"ކުރީއްސުރެ ގޯސްކޮށް މެނޭޖުކުރަމުން އައި ކުންފުންޏެއް ރަނގަޅަށް ހިންގުމަށް ޓަކައި މި މަސައްކަތް ކުރަނީ. އެފިޝަންސީ އިތުރުކޮށް ކުންފުނި ހަރުދަނާކުރުން މައިގަނޑު އަމާޒަކީ،" އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެކެވެ.