20 Jul 2024, 11:05
ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ސްޕެއިން ޤައުމީ ޓީމުގެ ކެޕްޓަން އަލްވާރޯ މޮރާާޓާ އިޓާލިއަން ސެރީއާގެ އޭސީ މިލާނަށް ސޮއިކޮށްފިއެވެ.
މޮރާޓާއަށް ބަދަލުވެފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތު ވެސް މި އެއްބަސްވުމުގެ ދަށުން ދެފަރާތަށް ލިބިގެންދެއެވެ. މިލާންއިން މޮރާޓާ ގެންގޮސްފައިވަނީ އޭނާ އެޓްލެޓިކޯ އާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ރިލީސް ކްލައުސްގައިވާ އަދަދު ދެއްކުމާއެކުއެވެ. އެއީ 11 މިލިއަން ޕައުންޑްއެވެ.
އުމުރުން 31 އަހަރުގެ މޮރާޓާ ވަނީ އެޓްލެޓިކޯ، ގެޓާފޭ އަދި ރެއާލް މެޑްރިޑްގެ ޔޫތު އެކަޑަމީގައި ހަރަކާތްތެރިވެފައެވެ. އަދި 2010 ވަނަ އަހަރު ރެއާލްގެ ޔޫތު އެކަޑަމީއިން ސީނިއާ ޓީމަށް ޕްރޮމޯޓްވެ އެ އަހަރުގެ ޑިސެމްބަރު މަހު ރެއާލްގެ ސީނިއާ ޓީމަށް ކުޅެން ފެށިއެވެ. އޭނާގެ ކެރިއަރުގައި މޮރާޓާ ވަނީ ރެއާލްގެ އިތުރުން ސެރީއާގެ ޔުވެންޓަސް، ޕްރިމިއާ ލީގުގެ ޗެލްސީއަށްވެސް ކުޅެފައެވެ. އަދި މި ހުރިހާ ކްލަބަކަށް އެއްކޮށް މިހާތަނަށް 506 މެޗު ކުޅެ 172 ލަނޑު ކާމިޔާބު ކޮށްފައެވެ.
އޭނާ ވަނީ ރެއާލް އާއެކު ދެ ފަހަރެއްގެ މަތިން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ޔުއޭފާ ސުޕާ ކަޕް އެއް ފަހަރު، ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު، ލަލީގާގެ ތަށި ދެ ފަހަރު، ކޮޕާ ޑެލްރޭގެ ތަށި ދެފަހަރު، ސުޕާ ކޮޕާ ޑި އެސްޕަންޔާ އެއް ފަހަރު، ސެރީއާގެ ތަށި ދެ ފަހަރު، ކޮޕާ އިޓާލިއާ ތިންފަހަރު، އިޓާލިއަން ސުޕާ ކޮޕާ ދެ ފަހަރު އަދި އިނގިރޭސި އެފް އޭ ކަޕް އެއް ފަހަރު ކާމިޔާބު ކުރިއެވެ. އެހެން ކަމުން ކްލަބް ލެވެލްގައި މޮރާޓާ މި ވަނީ ކާމިޔާބު ކެރިއައެއް މިހާތަނަށް ހޭދަކޮށްފައެވެ. އަދި އިޓާލިއަން ސެރީއާއަކީ އޭނާއަށް އާލީގެއް ނޫނެވެ.
ކްލަބްގެ އިތުރުން ސްޕެއިން ޤައުމީ ޓީމާއެކުވެސް އޭނާ އަންނަނީ ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުންނެވެ. މިގޮތުން އޭނާގެ ކެޕްޓަންކަމުގެ ދަށުން ވަރަށް ފަހުން ނިމިގެންދިޔަ ޔުރޯ މުބާރާތް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި 2022-2023 ވަނަ އަހަރުގެ ޔުއޭފާ ނޭޝަންސް ލީގު ކާމިޔާބު ކުރި ސްޕެއިން ޓީމުގައިވެސް މޮރާޓާ ހިމެނެއެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 80 މެޗު ކުޅެދީ 36 ލަނޑު ޖަހައިދީފައެވެ.