19 Jul 2024, 19:31
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވެ މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެ ދަރިވަރުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ފުލުހުން ބުނީ، އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި، ދެ ދަރިވަރުންގެ ހާލު ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
މީގެކުރިން، ފުލުހުން ބުނީ ޖުމްލަ 32 ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް، ދެ ކުދިން ފިޔަވައި، ދެން ތިބި ކުދިން މިހާރު ވަނީ ދޫކޮށްލާފައެވެ.
މީގެ ކުރިން އައްޑޫ ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ އެ އެންމެންނަށް ވެސް ފުރަތަމަ ފަރުވާ ދިނީ އެމާޖެންސީގައި ކަމަށެވެ.
ފުލުހުން ބުނީ، އެ ދަރިވަރުން ބަލިވީ ކާނާ ވިހަވުމުން ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން އަންނަނީ އެކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް އިތުރަށް ބަލަމުންނެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ޕޮލިސް ކޮލެޖު ރަސްމީކޮށް ހުޅުވީ މާޗު 27، 2022ގައެވެ. ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން، ޚާއްސަ ތަފާތު ތަމްރީނު ކޯސްތައް އެ ކޮލެޖުގައި ހިންގައެވެ.