19 Jul 2024, 19:01
މާލޭގެ ގެއެއްގައި ރަހީނުކޮށްގެން އުޅުނު ދިވެއްސަކު ހޯދައި، އެ ކަން ކުރިކަމަށް ތުހުމަތުވާ ތިން މީހަކު ބަންދުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މާލޭގެ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ރިޕޯޓުކުރީ އިއްޔެ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރާއި 27 އަހަރާއި 22 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖެހުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މަހުގެ ނުވައެއްގައި ވަނީ މާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކުރި މައްސަލާގައި ތިން މީހަކު ބަންދުކުރުމަށް ވެސް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
ރަހީނުކުރުމުގެ މައްސަލަތައް މި ފަހުން އާންމުވެފައިވާއިރު އެ ކަން ހުއްޓުވުމަށް ޓަަކައި އެކި ފިޔަވަޅުތައް އެޅުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އެންމެ އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަށް ގިނަ ބަޔަކު ބުނެއެވެ.