19 Jul 2024, 17:58
މަލޭ ސިޓީ ކައުންސިލާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) ގުޅިގެން މުޖުތަމައު ވިލުންތެރިކުރުމަށް މެކިން ސިޓީސް ރެސިލިއެންސް 2030 (އެމްސީއާރު 2030)ގެ ނަމުގައި ހަރަކާތެއް ފަށައިފިއެވެ.
މި މަސައްކަތުގެ ބޭނުމަކީ، ކުރިމަތިވާ ކާރިސާތަކަށް އިޖާބަ ދިނުމުގެ ގާބިލްކަން އިތުރުކޮށް، މުޖުތަމައުގެ ބައިވެރިވުމާއެކު އެ ކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ނިޒާމެއްގެ ތެރެއިން ކުރުމެވެ.
މި މަސައްކަތުގެ ތެރެއިން، މާލޭގައި ކާރިސާއެއް ހިނގުމަށް ހުރި ރިސްކުތަކާއި ކާރިސާތަކުން އަރައިގަތުމަށް މާލޭގައި ހުރި ވަސީލަތްތަކާއި ވިލުންވެރިކަން ހުރި މިންވަރު ބަލާނެ އޮނިގަނޑަކާއި ޕްލޭނެއް ތައްޔާރު ކުރާނެއެވެ.
މީގެ ސަބަބުން، ކާރިސާއަކުން ލިބިދާނެ ގެއްލުންތައް ކުރިއާލާ ދެނެގަނެވި ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެއެވެ.
އެމްސީއާރު 2030ގެ ދަށުން ސިޓީ ކައުންސިލުން ދިގު މުއްދަތަކަށް ވިސްނައިގެން އެކްޝަން ޕްލޭނެއް އެކުލަވާލާނެއެވެ. މި އެކްޝަން ޕްލޭންގައި އިންފްރާންސްޓްރަކްޗާ ފަރުމާކޮށް، ދިރިއުޅުމާއި މުޖުތަމައުގެ ސަލާމަތަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކަށަވަރުކޮށްދޭ އުސޫލެއް އެކަށައެޅޭނެއެވެ.
މި ހަރަކާތާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި ހަރަކާތަކީ ވިލުންވެރި މާލެއެއް ބިނާކުރުމަށްވާ ވައުދުގެ ހެކި ކަމަށެވެ.
"އަޅުގަނޑުމެން މުޖުތަމައުގެ ހިރާސް ކުޑަކުރުމަށް އެކުގައި ތަރުތީބުން މަސައްކަތް ކޮށްގެން، އަޅުގަނޑުމެން މި އިންވެސްޓް ކުރަނީ މާލެ ސިޓީއާއި މި ސިޓީގެ ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް،" އާޒިމް ވިދާޅުވިއެވެ.
މި މަސައްކަތުގައި ސިޓީ ކައުންސިލާ އެކު މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވާ އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން މުޖުތަމައު ވިލުންތެރި ކުރުމަށް ބޭނުންވާ ވަސީލަތްތަކާއެކު، ކުރިއަށް ހުރި ގޮންޖެހުންތަކުން ސަލާމަތްވެ ހިމާޔަތް ކަށަވަރު ވާނެކަމަށެވެ.
އެމްސީއާރު 2030ގެ ދަށުން އަންނަ އާދިއްތަ ދުވަހު ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައެވެ.