21 Jun 2012, 00:49
އެކި ޕާޓީތަކުން އިއްތިހާދުވެގެން ވެރިކަން ނުކުރެވޭނެ ކަމަށާއި އެމްޑީޕީ އިން ކުރިއަށް އޮތްތަނުގައި އެއްވެސް ޕާޓީއަކާ އިއްތިހާދު ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން ނަޝީދު ވިދާޅުވީ ކުރިން ކުރެވިފައިވާ ތަޖުރިބާއަށާއި އަދި މިހާރު ވެސް ވެރިކަން ހިނގަމުންދާ ގޮތަށް ބަލާއިރު ޕާޓިތަކުން އިއްތިހާދުވެގެން ވެރިން ނުކުރެވޭނެކަން ފެންނަން އޮތް ކަމަށެވެ. އަދި އެމްޑީޕީގެ ތެރެއަށް އިތުރު ކުލައެއް ވަނުމަށް އެމްޑީޕީގެ މެންބަރުން ނެދޭ ކަމަށާއި އެމްޑީޕީ މަސައްކަތް ކުރާނީ އެކަނި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއްތިހާދެއް ނުހަދާނަން. އަޅުގަނޑުމެން ތިބޭނީ ސާދާކަން މަތީގައި އެއްގޮތެއްގައި. ރައްޔިތުނަށް ހިދުމަތް ކުރުމަށް،"
އިއްތިހާދަކުން ވެރިކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ އިއްތިހާދަކުން ވެރިކަން ނުކުރެވޭނެ ކަމަށް އަބަދުވެސް ގަބޫލުފުޅު ކުރެއްވި ކަމަށާއި އެކަން ރައްޔިތުން މިހާރު ގަބޫލު ކުރާ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އުފެދިފައިވާ އިއްތިހާދަކީ އެންމެ ވަރުގަދަ އިއްތިހާދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި 23 ޑިސެމްބަރު އިއްތިހާދުގެ ނަމުގައި އިއްތިހާދުވެ، ވެރިކަން ހިންގުމުން އަންނަ ބޭފުޅުންގެ ތެރެއިން ވެސް އިއްތިހާދުން ވެރިކަން ނުކުރެވޭނެކަން ފެންނަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން އިއްތިހާދުވެގެން ސަރުކާރު ހިންގަމުން އަންނަ ޕާޓީތަކުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށާއި އެއީ ވެސް އިއްތިހާދުވެގެން ވެރިކަމެއް ނުހިންގޭނެ ކަމުގެ މިސާލެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފިނޭސް މިނިސްޓަރު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއަކީ ރައީސުލްޖުމްހޫރީއްޔާ ނިސްބަތްވެވަޑައިގަންވާ ޕާޓީގެ ބޭފުޅަކަށް ނުވެއްޖެ ނަމަވެސް ސަރުކާރު ހިންގުމަކީ ވެސް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަންތައްތައް ފިނޭންސް މިނިސްޓަރު ކުރައްވަން ބޭނުންފުޅު ނުވެއްޖެ ނަމަ ސަރުކާރު ހިންގުމަށް އުނދަގޫތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، މިހާރު ސަރުކާރަށް ވެސް ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ބޭނުންވީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ބަދަލު ކުރުމަށް ކަމަށާއި އެހެންކަމުން ޕާޓީއަކާ އިއްތިހާދު ނުވި ނަމަވެސް އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެއްވުނީސް ކަމަށެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.