10:40


ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ބޭނުންވާ ވޯޓާސް އެޑިއުކޭޝަން ޕްރޮގްރާމް މި ހަފުތާގެ ތެރޭގައި ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.


ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ވޯޓާސް އެޑިއުކޭޝަން ޕްރޮގްރާމް މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގުމަށް ނިންމާފައިވާ ކަމަށާއި ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ވެރިރަށް މާލޭގައި އެ ޕްރޮގްރާމް ފަށައި މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ.


"އަޅުގަނޑުމެންގެ ވޯޓާސް އެޑިއުކޭޝަން ޕްރޮގަރާމް ފުރަތަމަ މި ފަށައިގަންނީ ރާއްޖޭގެ މީޑިޔާގައި. އެބައި ވެސް ފުރަތަމަ ގެންދާނީ މާލޭގައި. އެހެންނަމެސް އެކަމަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހުރިހާ ދާއިރާއެއްގައި މި މަސައްކަތް ކުރިޔަށް ގެންދާނަން، ފުރަތަމަ ރާއްޖޭގެ މީޑިޔާތަކުގައި" ފުއާދު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ވޯޓާސް އެޑިއުކޭޝަން ޕްރޮގްރާމް ކުރިޔަށް ގެންދާނީ ކަމާ ބެހޭ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި ވަރަށް ފުރިހަމަކޮށް ކަމަށެވެ.


ވޯޓާސް އެޑިއުކޭޝަން ފަށަން ތައްޔާރުވެފައިވާ އިރު ލޯކަލް ކައުންސިލްތައް ގާއިމު ކުރާނެ ރަށްރަށާއި މީހުންގެ ރަޖިސްޓްރީއެއް މިހާތަނަށް ސަރުކާރުން ގެޒެޓްކޮށްފައި ނެތުމުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް އަދި ވަނީ އިލެކްޝަންސް ކޮމިޝަނުން ކަނޑަނާޅަ އެވެ. ނަމަވެސް ފުއާދު ވިދާޅުވީ އެ މައްސަލަ އަށް ސަރުކާރުން ގޮތްތަކެއް ކަނޑައެޅުއްވިހާ އަވަހަކަށް އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާނު ކުރައްވާނެ ކަމަށެވެ.