19 Jul 2024, 23:56
ސްވިޑިޝް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލްއިން ސްޕެއިންގެ ރަފައެލް ނަޑާލް ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްއިން ނަޑާލް ޖާގަހޯދީ ދެވަނަ ބުރުގައި މި މުބާރާތުގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ އިނގިރޭސިވިލާތުގެ ކެމެރޮން ނޯރީ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
އުމުރުން 38 އަހަރުގެ ނަޑާލް މި މެޗުގެ ސެޓުތަށް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.
މިއީ އަނިޔާއިން އެނބުރި އައިސް އޭނާ ކުޅޭ ފުރަތަމަ މުބާރާތެވެ. އަދި މިއީ އޭނާ އަނިޔާއިން އެނބުރި އައިސް ކުޅުނު ދެވަނަ މެޗެވެ. މިމެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު ކާމިޔާބު ކުރި ނަމަ ވެސް ދެވަނަ ސެޓުގައި ނޯރީވަނީ އެކެއް ހަތަރެއްގެ ލީޑެއް ނަގައިފައެވެ.
އެހެންނަމަވެސް ނަޑާލް ހިތްވަރާ އެކު ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ އޭނާ ފަހަތުން އަރާ ކުރިއަށް އޮތް ފަސް ގޭމް ކާމިޔާބު ކޮށް މިމެޗު ކާމިޔާބު ކުރުމެވެ.
މިއީ އޭނާ ފަހަކަށް އައިސް އެންމެ ރަނގަޅަށް ކުޅެވުނު މެޗެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ނަޑާލް ބައްދަލުކުރާނީ އާޖެންޓީނާގެ މެރިއޯނޯ ނަވޯން އާއެވެ.
ކުރިއަށް އޮތް އޮލިމްޕިކް ކުޅިވަރު މުބާރާތަށް ވަގުތު ހުސްކުރުމުގެ ގޮތުން އޭނާ ވަނީ އެންމެ ފަހުން ނިމިގެންދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ވެސް ވާދަނުކޮށް ދޫކޮށްލާފައެވެ.
ފަރަންސްސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ނަޑާލްވަނީ ސިންގަލްސްގެ އިތުރު ސްޕެއިންގެ ޒުވާން ތަރި ކާލޯސް އަލްކަރާޒް އާއެކު ޑަބަލްސްގައި ވެސް ވާދަކުރުމަށް ނިންމާފައެވެ.
ސްވިޑިޝް އޯޕަންގައި ނަޑާލް އަންނަނީ ޑަބަލްސްގައި ވެސް ވާދަކުރަމުންނެވެ. މިގޮތުން އޭނާ އާއި ކެސްޕާ ރޫޑް މިހާރުވަނީ މިމުބާޜާޓުގެ ސެމީފައިނަލަށް ދަތުރު ކޮށްފައެވެ.