19 Jul 2024, 15:05
މެންޗެސްޓާ ޔުނައިޓެޑުގެ މޭސަން ގްރީންވުޑް ފްރެންޗް ލީގު އާންގެ އޮލިމްޕިކް މާސޭއަށް ސޮއިކޮށްފިއެވެ.
ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި މާސޭއިން ގްރީންވުޑް ގެންގޮސްފައިވަނީ 31.6 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްްވުމެއްގެ ދަށުންނެވެ.
އުމުރުން 22 އަހަރުގެ ގްރީންވުޑަކީ ޔުނައިޓެޑްގެ އެކަޑަމީން ޕްރޮމޯޓްވެގެން ސީނިއާ ޓީމަށް ކުޅެން ފެށި ހުނަރުވެރި ފޯވަޑެއް ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން އޭނާ އެ ކްލަބަށް ކުޅެފައެއް ނުވެއެވެ. މިދިޔަ ސީޒަން އޭނާ ހޭދަކޮށްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެނިޝް ލަލީގާގެ ގެޓާފޭގައެވެ.
ގްރީންވުޑް ސޮއިކުރަން މާސޭއިން ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމަށް މާސޭގެ މޭޔަރު ވެސް މަސައްކަތް ކޮށްފައިވެއެވެ.
އޭނާ ޔުނައިޓެޑަށް އެންމެ ފުރަތަމަ ކުޅެން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ކުޅެން އަރާފައިވަނީ އެ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމެއިންއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
އެ ކްލަބަށް ކުޅުނު 129 މެޗުގައި ގްރީންވުޑްވަނީ 35 ލަނޑު ޖަހައިދީފައެވެ. އޭނާގެ މޮޅު ކުޅުމާ އެކު 2020 ވަނަ އަހަރު އޭނައަށް އިންގްލަންޑް ޓީމުން ވެސް ޖާގަ ލުބުނެވެ.