އުސް ފަސްގަނޑު ރޫޅާލި ދުވަހު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އުސް ފަސްގަނޑު ރޫޅާލި ދުވަހު ފުލުހުން އިންތި ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ. އަދި އެ ދުވަހު އެތާގެ އަމަން ބަލަހައްޓަން ހަރަކާތްތެރިވި އަންހެން ފުލުހަކަށް ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭތީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ކޮން ދުވަހަކު ކަމެއް އެ ބަޔާނުގައި ބުނެފައެއް ނެތެވެ.

އިންތި ހައްޔަރު ކުރި މައްސަލައިގައި ފުލުހުންގެ އިސް އޮފިސަރުން ވެސް ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާކު ކޮށްފަ އެވެ.