19 Jul 2024, 10:17
އިންޑިއާގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އެކްޓަރު އަލީ ފަޒާލާއި އަންހެނުން ބަތަލާ ރިޗާ ޗައްޑާއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
އަލީ ފަޒާލާއި ރިޗާއަށް އަންހެން ކުއްޖަކު ލިބިފައިވާކަން އިއްޔެ އިއުލާނުކޮށްފައިވަނީ ދެމަފިރިންގެ ފަރާތުން ނެރުނު ސްޓޭޓްމެންޓެއް މެދުވެރިކޮށެވެ.
ރިޗާ ވިހެއީ އަންގާރަ ދުވަހު ނަމަވެސް އެ ޚަބަރު އާއްމުންނާ ހިއްސާކުރީ އޭގެ އެއް ދުވަސް ފަހުން އިއްޔެގެ ވަގުތެއްގައެވެ. ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށާއި އެ ދެމަފިރިންނަށް ހެޔޮއެދޭ ހުރިހާ މީހުން ދެމުން އަންނަ ލޯތްބާއި ހެޔޮ އެދުންތަކަށް އަލީ ފަޒާލާއި ރިޗާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ރިޗާއާއި އަލީ ފަޒަލް ވަނީ މީގެ ތިން ދުވަސް ކުރިން ދެމަފިރިން އެކީގައި ނަގާފައިވާ މެޓާނިޓީ ފޮޓޯ ސެޝަންގެ ބައެއް ފޮޓޯތައް އާއްމުންނާ ހިއްސާކޮށްފައެވެ.
ކާމިޔާބު ސީރީޒް "ހީރާމަންޑީ"ގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ބަލިވެއިންކަން އިއުލާނުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. ރިޗާއާއި އަލީ ފުރަތަމަ އެކީގައި މަސައްކަތް ކޮށްފައިވަނީ ހެއްވާ މަޖާ ފިލްމު "ފުކްރޭ"ގައެވެ. އަލީއާއި ރިޗާ ކައިވެނިކުރުމަށް ޕްރޮޕޯޒްކޮށްފައިވަނީ 2018ވަނަ އަހަރު ޗުއްޓީއަށް ރާއްޖެއަށް ކުރި ދަތުރުގައެވެ.
އެމޭޒަން ޕްރައިމްއިން ގެނެސްދޭ ކާމިޔާބު ސީރީޒް "މިރުޒާޕޫރު"ގެ މުހިއްމު އެކްޓަރު އަލީއާއި ބަތަލާ ރިޗާ އަކީ ދެ ތަރިންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ވަރަށް ޕްރައިވެޓްކޮށް ބާއްވަން ލޯބިކުރާ ދެ ތަރިންނެވެ. ރިޗާއާއި އަލީ ފަޒަލް ގުޅިގެން އުފައްދާފައިވާ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ އުފެއްދުން "ގާލްސް ވިލް ބީ ގާލްސް" ބައިނަލްއަޤުވާމީ ދެ ފިލްމު ފެސްޓިވަލެއްގައި ޕްރިމިއާކޮށްފައިވާއިރު ވަރަށް ގިނަ ބައެއްގެ ތަރުހީބު މި ފިލްމަށް އަންނަނީ ލިބެމުންނެވެ.