ކާނާ ވިހަވުމާ ގުޅިގެން ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު ހޮސްޕިޓަލުގައި އެނދުމަތިކޮށް، ފަރުވާދީފިއެވެ.

ޖާންވީއަށް ކާނާ ވިހަވުމުގެ މައްސަލަ ދިމާވީ ކުރިއަށް އޮތް އޮގަސްޓް މަހު ދެވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ ބަތަލާގެ ފިލްމު "އުލަޖް"ގެ ޕްރޮމޯޝަން މަސައްކަތުގައި ވަރަށް އަވަދިނެތި އުޅެމުން އަންނަނިކޮށެވެ. ޖާންވީ ހޮސްޕިޓަލުގައި އެނދުމަތި ކުރުމާ ގުޅިގެން ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ވެސް ވަގުތީގޮތުން ވަނީ ހުއްޓިފައެވެ.

ބަތަލާއަށް ދިމާވި ކާނާ ވިހަވުމުގެ މައްސަލަ ދިމާވެފައިވަނީ ފިލްމު "އުލަޖް"ގެ ޕްރޮމޯޝަން މަސައްކަތެއްގައި ޗެންނާއީއަށް ކުރި ދަތުރުގައި އެއާޕޯޓުގައި ކެވުނު އެއްޗެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖާންވީ ކަޕޫރު ފިލްމު "އުލަޖް"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އެއާޕޯޓުން ގެއަށް ދިއުމަށް ފަހު މާ ބޮޑަށް ވަރުބަލިކަން އިހުސާސްވުމާ ގުޅިގެން ޑޮކްޓަރުގެ މަޝްވަރާގެ މަތިން ޖާންވީ ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ ބުދަ ދުވަހުއެވެ. ބަތަލާގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށާއި މިއަދުގެ ވަގުތެއްގައި ގެއަށް ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖާންވީގެ ހާލު ރަނގަޅުވިހާ އަވަހަކަށް ފިލްމު "އުލަޖް"ގެ ޕްރޮމޯޝަން މަސައްކަތްތަކަށް އެނބުރި ނުކުންނާނެ ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.

ޖާންވީ ޒުވާން ޑިޕްލޮމެޓެއްގެ ރޯލުން ފެންނާނެ ފިލްމު "އުލަޖް"ގެ ޓްރެއިލާ ވެސް އާއްމުކޮށްފައިވާއިރު މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެކެވެ. ޖާންވީއާ އެކު ފިލްމުގެ މުހިއްމު ރޯލުތަކުން އެކްޓަރު ގުލްޝަން ދެވިއާ، ރޯޝަން މެތިއު، އާދިލް ހުސެއިން އަދި ސަޗިން ކެޑެކްރް ފެންނާނެއެވެ.