19 Jul 2024, 10:21
ކުރީގެ ބަތަލާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ޑްރާމާ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމައިފިއެވެ.
މި ފިލްމަކީ، އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ ފުރަތަމަ ފިލްމެވެ. މީނާ ކުމާރީގެ ރޯލުން ބަތަލާ ކްރިތީ ސެނޮން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފައިވާ މި ފިލްމުގެ މަސައްކަތް ކުރިން ނިންމާފައި އޮތީ މި އަހަރު ތެރޭ ފެށުމަށެވެ.
އެހެންނަމަވެސް، ފިލްމުގެ މަސައްކަތް ފަސްކޮށްފައިވަނީ ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސް ކުރިއަށްވުރެ ފެންވަރު ރަނގަޅުކޮށް ސްކްރިޕްޓް ތައްޔާރުކުރުމަށް ވަގުތު ބޭނުންވާތީ ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.
ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތްރާއަކީ އޭނާގެ ކޮންމެ މަސައްކަތެއް ވެސް އެންމެ ފުރިހަމަ ގޮތުގައި ބެލުންތެރިންނަށް ހުށަހަޅައިދޭ މީހަކަށްވުމުން މީނާ ކުމާރީ ފަދަ އިންޑިއާގެ ސިނަމާގެ ލެޖެންޑް ބަތަލާއެއްގެ ވާހަކަ ގެނެސްދޭން މަނީޝް ބޭނުންވަނީ ވީ އެންމެ ފުރިހަމައަށް އެއްވެސް ކަހަލަ އުނިކަމެއް ނެތި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރީގެ ބަތަލާ މީނާ ކުމާރީ ފިރިމީހާ ކަމަލް އަމްރޯހީއާ އެކު. އަމްރޯހީ އަކީ މީނާ ކުމާރުގެ ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކުރި ކުޅަދާނަ ފިލްމު ޕްރޮޑިއުސަރެއް--ފޮޓޯ/ބޮލީވުޑްޝާދީސް
ހިންދީ ސިނަމާގައި އެންމެ ގަދައަށް ވިދާލި ބަތަލާގެ ބައޮގްރަފިކަލް ޑްރާމާއިން ސިނަމާގެ ރަން ދުވަސްތައް ވަރަށް ފުރިހަމައަށް ދައްކުވައިދިނުމަކީ މަނީޝް އެންމެ ބޮޑަށް މަސައްކަތް ކުރާނެ އެއް ބައި ކަމަށް ފެޝަން ޑިޒައިނަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މިއީ ސިނަމާގެ އެކި ދުވަސްވަރު ދައްކުވައިދޭނެ ފިލްމެއްކަމުން ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންއަށް ވަރަށް ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީނާ ކުމާރީއަކީ އުމުރުން ވަރަށް ޒުވާންއިރު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާއެކެވެ. ވަރަށް އުޖާލާ ފިލްމީ ކުރިމަގެއް އޮތް ބަތަލާ މަރުވީ އުމުރުން 38 އަހަރުގައެވެ.