ތިން ރަށަކަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

އެނާޖީ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ތަންފީޒުކުރަމުންދާ މަޝްރޫޢެއް ކަމަށްވާ "އިންކްރީޒިން ކްލައިމެޓް ރިޒިލިއެންސް ތްރޫ އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމެންޓް ޕްރޮގްރާމް"ގެ އިދާރީ އޮނިގަނޑު ލަނޑުދަނޑިތައް ހާސިލު ކުރުމަށް ރޭވިފައިވާ ހަރަކާތްތައް އަދި މަޝްރޫޢުގެ މިސްރާބާ މެދު މަޝްވަރާކުރުމަށް ޓަކައި މަސައްކަތު ބައްދަލުވުމެއް މިއަދު ހެނދުނު ނަސަންދުރާ ހޮޓަލުގައި ބޭއްވި ކަމަށެވެ.

"..މިމަޝްރޫޢުގެ މަޤްސަދަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ލިބިދެވޭނޭ އަދި ރައްކާކުރެވޭނެ ނިޒާމެއް ހއ. އިހަވަންދޫ، އދ. މަހިބަދޫ އަދި ގދ. ގައްދޫގައި ޤާއިމުކުރުން،"

އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކުރި ކަމަށް ބަޔާނުގައިވެ އެވެ.

މި މަޝްރޫއު އަށް ޔޫއެންޑީޕީގެ އެޑެޕްޓޭޝަން ފަންޑުން ގާތްގަނޑަކަށް 8.2 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ގާތްގަނޑަކަށް 27 މިލިއަން ދިވެހި ރުފިޔާ ދިވެހި ސަރުކާރުން ޚަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގްރިމެންޓްގައިވާ ގޮތުގެމަތިން މިމަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 2015 ވަނަ އަހަރުގެ ނިޔަލަށެވެ.