20 Jun 2012, 21:58
މެކްސިކޯ (ޖޫން 20): މީގެ 15 ވަރަކަށް މަސްކުރިން ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ޓަކައި އެ ޤައުމުގެ ރައީސް ބައްޝާރުލްއަސަދު މަޤާމުން ދުރުކުރުމާބެހޭ ގޮތުން ހުޅަނގުގެ ބާރުތަކާއި ރަޝިޔާގެ އިސްވެރިން މަޝްވަރާ ކުރައްވަމުން އެބަގެންދަވަ އެވެ.
މެކްސިކޯގައި ކުރިޔަށްދާ ޖީ 20ގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި ހުޅަނގުގެ ޤައުމުތަކާއި ރަޝިޔާގެ އިސްވެރިން ކުރެއްވަމުން ގެންދަވާ މަޝްވަރާތަކުގެ ތެރޭގައި ސުލްޙަވެރި ގޮތެއްގައި ބައްޝާރުގެ ބަދަލުގައި އޭނާގެ ނައިބު ފާރޫޤް އައްޝަރްޢު އާ ސޫރިޔާގެ ވެރިކަން ޙަވާލުކުރުމާއި ބައްޝާރާއި އޭނާގެ ޢާއިލާ އަށް އަމާންކާމާ އެކު ސޫރިޔާ އިން ބޭރުވެވަޑައިގަތުމުގެ ފުރްސަތު ދިނުމުގެ ވާހަކަތައް ހިމެނެ އެވެ.
ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ސުލްޙަވެރި ގޮތަކަށް ބައްޝާރު ވެރިކަމުން ބޭލުމަށް ރަޝިޔާ ތާއީދުކުރި ނަމަވެސް ބައްޝާރާ މެދު ގޮތެއްނިންމަން ޖެހޭނީ ސޫރިޔާގެ ރައްޔިތުން ކަމަށް މިމަޝްވަރާތަކުގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވި އެވެ.
މިމަޝްވަރާތަކުގައި ތުރުކީގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް ވިދާޅުވީ ސޫރިޔާގެ ރައްޔިތުން ގެނބިފައިވާ ލޭގެކޯރުން ސަލާމަތް ކުރުމަށް ޓަކައި ކޮންމެ ގޮތަކަށް ނަމަވެސް ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނަސް ސޫރިޔާގެ ރައްޔިތުންގެ އިތުބާރު އޮންނަ ވެރިކަމެއް އެޤައުމުގައި އުފައްދަންޖެހެ އެވެ. އޮބާމާއާއި އުރުދުޣާން ދެކެވަޑައިގަންނަވާ ގޮތުގައި ސޫރިޔާގެ ވެރިކަމުގައި ބައްޝާރު ހުންނަވައިގެން އެޤައުމުގެ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް ދެން ނުހުއްޓުވޭނެއެވެ. އަދި ބައްޝާރަކީ ސޫރިޔާގެ ރައްޔިތުން ތަމްސީލް ނުކުރާ އަދި ވެރިކަމުގެ ޝަރްޢިއްޔަތު ގެއްލިފައިވާ ބޭފުޅެއް ކަމަށް ވެސް އޮބާމާ އާއި އުރްދުޣާން ދެކެވަޑައިގަންނަވަ އެވެ.
ނަމަވެސް ސުލްޙަވެރި ނޫން ގޮތަކަށް ބާރުގެ ބޭނުންކޮށް ބައްޝާރުގެ ވެރިކަން ވައްޓާލުމަކީ ސޫރިޔާގެ ޙާލަތު މިހާރަށްވުރެ ވެސް ގޯސްވެ މުޅިޤައުމު އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއްކަމަށް މިދެބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. ބައްޝާރާ މެދު ގޮތެއްނިންމަން ޖެހޭނީ ސޫރިޔާގެ ރައްޔިތުން ކަމަށް މިމަޝްވަރާތަކުގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވި ނަމަވެސް ބައްޝާރުގެ ވެރިކަމުގައި ދެމިހުންނެވުމަށް ޚުދު ޕޫޓިން ވެސް ތާއީދު ނުކުރައްވާ ކަމަށް މިމަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވި އެވެ.
ކެމެރޮން ހާމަކުރައްވާ ގޮތުގައި ޕޫޓިންގެ ވިސްނުންފުޅުހުރީ ޔަމަންގައި ކަންކުރި ގޮތަށް ސުލްޙަވެރި އުސޫލަކުން ސޫރިޔާގެ ވެރިކަން ނައިބު ރައީސް ފާރޫޤް އައްޝަރްޢު އާ ޙަވާލުކޮށް ބައްޝާރާއި އޭނާގެ ޢާއިލާ އަށް ސޫރިޔާ އިން ބޭރުވެވަޑައިގަތުމުގެ ފުރްސަތު ދިނުމަށެވެ. އެއަށް ފަހު އިންތިޤާލީ މަރްޙަލާއެއްގައި ޑިމޮކްރެޓިކް އުސޫލުން ސޫރިޔާގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރުމުގެ މައްޗަށެވެ. އެހެންކަމުން ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށްޓަކައި ބައްޝާރު މަޤާމުން ދުރުކުރުމާމެދު ހުޅަނގާއި ރަޝިޔާއާ ދެމެދު ތަފާތުތަކެއް އެބަހުރި ކަމަށް ކެމެރޮން ވިދާޅުވި އެވެ.
ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑޭ ވަނީ ރަޝިޔާގެ ރައީސްގެ ވިސްނުމުގައި އީޖާބީ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ ހުޅަނގާއި ރަޝިޔާއާއި ޗައިނާ ވާހަކަ ދައްކައިގެން ސޫރިޔާގެ ރައްޔިތުން ނިންމާ ގޮތަކަށް ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް ފަރަންސޭސިވިލާތުން ތާއީދު ކުރާނެކަން ހާމަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)