18 Jul 2024, 18:28
މިޔަރު އުރަހަތަކަކާއެކު ރާއްޖެއިން ބޭރުވާން އުޅުނު ސްރީ ލަންކާ މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
ރާއްޖެއިން ބޭރަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައިރު އޭނާގެ ލަގެޖް ތެރެއިން މިޔަރު އުރަހަތަކެއް ފެނުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ކްރިމިނަލް ކޯޓުން މީނާގެ މައްޗަށް ކޮށްފައި ވަނީ ދިވެހިރާއްޖެއިން، ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ އޭނާ ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ކަސްޓަމްސްގެ ގާނޫނުގައި ކަނޑައަޅާފައި އޮތީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000 ރުފިޔާއާއި 240،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ. އަދި މި މައްސަލާގައި އެންމެ މަސްލަހަތު ހުރި ގޮތަކީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.
އޭނާގެ ކުށަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅީ، އޭނާގެ ދަރިއަކު ސްރީ ލަންކާގައި އެކްސިޑެންޓްވެ ފަރުވާ ހޯދަމުން ދާކަމުގެ ލިޔުންތަކެއް އޭނާ ކޯޓަށް ހުށައަޅާފައި ވާތީއެވެ. ކުއްޖާގެ ހައްގުގައި އެންމެ ރަނގަޅު ގޮތަކީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.
ކްރިމިނަލް ކޯޓުން ހުކުމްކުރީ، އޭނާ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއް މަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
މިޔަރު ހިފުމާއި ވިއްކުން އަދި ރާއްޖެއިން ބޭރައް ގެންދިއުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.