18 Jul 2024, 18:15
ސަރުކާރު މުއައްސަސާތަކަށް ނިސްބަތްވާ ޔުނިފޯމްއެޅި ކޮންމެ މީހެއްގެ ނަޒާހަތްތެރިކަން ކަށަވަރު ކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާނު މިފަދައިން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 134 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކަސްޓަމްސްގެ މައި ބިލްޑިން ކުރިމަތީގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ
މިނިސްޓަރު އިހުސާނެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވީސްގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދުއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްއިން ދޭ ޚިދުމަތްތަކަކީ ފަސޭހަ ޚިދުމަތެއް ނޫންކަމަށާއ،ި ރައްޔިތުންނާ ގާތުން ޚިދުމަތް ދޭއިރު އަބަދުވެސް ސަލާމަތީ ކަންކަން ކަށަވަރުކުރަން ޖެހޭކަމަށެވެ.

މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން-- ފޮޓޯ: ކަސްޓަމްސް
"މީގަ އެންމެ އުނދަގޫކަމަކީ އަޅުގަނޑުމެން މިކަން ކުރާއިރު، ކަސްޓަމްސް ސާވިސްގެ ހަމަތައް ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަމުން އަންނަ ހަމަތައް ހިފަހައްޓަމުން މި ޚިދުމަތް ދިނުން،" އިހުސާން ވިދާޅުވިއެވެ.
އެގޮތުން، ކަސްޓަމްސްއިން ދޭ ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާއިރު އެ އިދާރައިން ޤަބޫލުކުރާ ހަމަތަކުގެ މަތިންކަމަށް ކަންކަން ކުރުމަށް އިހުސާން އިލްތިމާސްކުރެއްވިއެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ކަސްޓަމްސްއިން ދޭ ޚިދުމަތްތަކަކީ އަވަސް އަދި ލުއިފަސޭހަ ޚިދުމަތްތަކެއްކަން ފާހަގަކޮށް، އެކަމަށްޓަކައި ކަސްޓަމްސްގެ އިސްވެރިންނާއި މުވައްޒަފުންނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.
އަދި އެކަމަށްޓަކައި މަސައްކަތްތަކެއް ކުރެވ،ި ކާމިޔާބީތަކެއް ހާސިލު ކުރެވިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކަސްޓަމްސްއިން ކުރަމުންގެންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި ދިފާއީ ބާރާއި ދިވެހި ފުލުންގެ ޚިދުމަތަށް މާނިއު ވަނީ ޝުކުރު ދަންނަވާފައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަކާއެކު ކަސްޓަމްސްގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި--ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ އެއްވަގުތެއްގައި ބާއްވާފައެެވެ.
ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ގާއިމްކުރީ 18 ޖުލައި 1890 ގައެވެ.