ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓި މީހަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ އައްޑޫ ސިޓީގެ ހިތަދޫ ވައިޖެހޭގޭ އަލީ އިސްހާގުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭޕްރީލް 29، 2010 ދުވަހުގެ މެންދުރު 2:00 އެހާކަންހާއިރު ބޮޑު ތަކުރުފާނުމަގުން ދަނިކޮށް އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ފަޓުލޫނުގެ ޖީބުގެ ތެރޭގައި އޮތް ސިޓީ އުރައެއްގެ ތެރެއިން 50 ރަބަރު ޕެކެޓު ފެނިފައިވާކަން އޭނާގެ ބަހުން އެނގޭކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ 50 ރަބަރު ޕެކެޓުގައި ހުރިތަކެތި ތަހުލީލު ކުރިއިރު އޭގައި 33.9582 ގްރާމް އަލްޕްރޮޒޮލަމް ހުރިކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގޭ ކަމަށެވެ.

އެހެންކަމުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުން އިސްހާގު ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގެ ދަށުން އޭނާ އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީކަމަށް ވެސް އެ ހުކުމްގައި ވެއެވެ.