18 Jul 2024, 13:09
ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި ހަތް ލެޕްޓޮޕް މިއަދު ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަދިޔާކުރުމަށް މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ.
އެގޮތުން، މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށްދެއްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ.
އަދި، ވުޒާރާގެ ފަރާތުން ސާމާނާއި ހަވާލުވެލައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

ޕާކިސްތާނު ހައިކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށް ހަދިޔާ ކުރި ހަތް ލެޕްޓޮޕާއި ދިހަ ކޮންޕިއުޓަރު ސިސްޓަމްތައް ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއްކަމަށެވެ. އެހެންކަމުން ރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ޕާކިސްތާނުން ދެމިތިބޭނެ ކަމަށެވެ.
އެއާއެކު، އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ވަޒީރު ޝަހީމް ވަނީ ޕާކިސްތާނުގެ ފަރާތުން ރާއްޖެއަށް، ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ޕާކިސްތާނު ސަފީރަށް ޝުކުރު ދަންނަވާފައެވެ.