18 Jul 2024, 11:46
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އެއްކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހުން ހައްޔަރުކޮށްފިއެވެ.
މިގޮތުން މިދިޔަ އަންގާރަ ދުވަހު އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަައެއްގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ.
ފުލުހުން ބުނީ އެ ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1085.71 ގްރާމް ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހުންނެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ހަތް މީހުން ވެސް 10 ދުވަހަށްް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ޑުރަގް އެންފޯސްމެންޓް އިން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
ފުލުހުންދަނީ ޑްރަގް އެންފޯސްމެންޓާއި ގުޅިގެން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
އެގޮތުން މި މަހު މާފުށީ ޖަލުގައި ވެސް ވަނީ ހާއްސަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައެވެ.ފުލުހުން މީގެ ކުރިން ބުނީ ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ބައިވެރިވާ 13 ޖަލު އޮފިސަރަކު އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ކަމަށެވެ.