ހަތެއް ފެބުރުއަރީގައި ކުރީގެ މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ގޮތް ބެލުމަށް ޓަކައި އެކުލަވާލައިފައިވާ އިންކުއުރީ ކޮމިޝަން މިހާރު އެވަނީ ސަރުކާރުން އެއްބަސްވެފައިވާ ގޮތުގެ މަތިން އެކުލަވާލައިފައި ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ކޮމަންވެލްތުން ހުށައަޅާފައިވާ ހުށައެޅުންތަކުގެ ތެރެއިން ސަރުކާރުން އެއްބަސްވެފައިވާ ކަންތަށްތައް މިހާރު ނިންމައި އެކޮމިޝަން އަލުން އެކުލަވާލާފައިވާ ކަމަށެވެ.

"މިހާރު ސިންގަޕޫރުގެ ޖަޖަކާއި ކޮމަންވެލްތުގެ ފަރާތުން ފޮނުވަން ހަމަޖެހިފައިވާ އެޑްވައިޒަރާއި އދ.ގެ ފަރާތުން ފޮނުންވާ އެޑްވައިޒުވެސް މިހާރު މި ވަނީ ރާއްޖެ ވަޑައިގެންފައި... އެހެންކަމުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސް ވެވުނު ގޮތަށް އަޅުގަނޑުމެންގެ ސައިޑުން މިހާރު އެ ވަނީ ކޮމިޝަން އަލުން އެކުލަވާލައްވާފައި،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތު ކަމަށްވާ، އަންނަ މަހު 31ގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެކޮމިޝަނުން ނިންމާ ނިންމުމަކީ ރައީސް ނަޝީދާއި އެމްޑީޕީން ގަބޫލް ކުރައްވާނެ ނިންމުމެއް ކަމަށް އުންމީދުކުރައްވާ ކަމަށާއި ނަމަވެސް އެމްޑީޕީން ތަފާތު ރިޕޯޓްތައް ނެރެމުންދާ ދިއުމުން އެކަން އެގޮތަށް ނުވެދާނެ ކަމުގެ ސިގުނަލްތައް ފެންނަމުން ދާކަމަށެވެ.

"އަޅުގަނޑުމެން މިބަދަލުތައް މިގެނައީ ބޭރުދުނިޔޭގެ އެކިއެކި ގައުމުތަކުގެ ލަފާގެ މަތިންނާއި ކޮމްނަވެލްތާއި ރާއްޖެއާ އޮތް ގާތްގުޅުމަށް އިހްތިރާމް ކުރުމުގެ ގޮތުނާއި އެބޭފުޅުނާއި އެކީގައި މަސައްކަތް ކުރަން ބޭނުންވާތީ،" ދުންޔާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކޮމަންވެލްތުން ސަރުކާރުން އެޅިފިޔަވަޅުތައް ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެހެން ނޫން ނަމަ އެ ޖަމިއްޔާއަކީ ވަކި ފަރާތަކަށް ޖެހިފައިވާ ބައެއްކަން އެނގިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ގައުމަށް އެންމެ ރަނގަޅު ގޮތަކަށް ކޮމަންވެލްތުން ކަންތައްތައް ކުރައްވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް މިހާރު ބައިވެރި ވެވަޑައިގަންނަވަމުން ގެންދާ ރިއޯ ސަމިޓުގެ ސަބަބުން ރާއްޖެ އަށް ގިނަ ފައިދާތަކެއް ވާނެ ކަމަށާއި އަދި އެ ސަމިޓަކީ ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން މުޅި ދުނިޔެއަށް އަންގަން ލިބޭ ފުރުސަތެއް ކަމަށެވެ.