18 Jul 2024, 08:50
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވި ކަމަށް ބެލެވޭ މައްސަލައެއްގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކުދިންގެ ތެރެއިން ދެ ދަރިވަރުން ފިޔަވައި އެހެން ހުރިހާ ދަރިވަރުން މިހާރު ދޫކޮށްލައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި މިވަގުތު ފަރުވާދެމުން އަންނަ ދެ ކުދިން ބާއްވައިފައި އޮތީ އައިސީޔޫގައެވެ. ނަމަވެސް އެހެން ކުދިން މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފައިވާކަމަށް މައުލޫމާތު ދިނެވެ.
ފުލުހުން މީޑިއާތަކާ ރޭ ހިއްސާކުރި މެސެޖެއްގައި ބުނީ ޖުމްލަ 32 ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މީގެ ކުރިން އައްޑޫ ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔައީ ރޭ އަށެއް ޖަހައި އެހާކަށްހާއިރު ކަމަށެވެ. އެ އެންމެންނަށް ވެސް ފުރަތަމަ ފަރުވާ ދިނީ އެމާޖެންސީގައެވެ.
ފުލުހުން ބުނީ، އެ ދަރިވަރުން ބަލިވީ ކާނާ ވިހަވުމުން ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން އަންނަނީ އެކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް އިތުރަށް ބަލަމުންނެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ޕޮލިސް ކޮލެޖު ރަސްމީކޮށް ހުޅުވީ މާޗު 27، 2022ގައެވެ. ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން، ޚާއްސަ ތަފާތު ތަމްރީނު ކޯސްތައް އެ ކޮލެޖުގައި ހިންގައެވެ.