18 Jul 2024, 09:14
ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބަސް ބުނާ ތަނެކެވެ. އެންމެން އަމަލުކުރާން ގާނޫނުތަކާއި ގަވާއިދުތައް ހަދަނީ އެ މަޖިލީހުންނެވެ. އެއީ، އެންމެ މުގައްދަސް އެއް މުއައްސަސާއެވެ. އެއީ ކުޅޭކުޅޭ ތަނެއް ނޫނެވެ.
މަޖިލީހުން ކަންކަން ނިންމަން ޖެހެނީ އާންމުންގެ ވިސްނުމާ އެއްގޮތަށެވެ. ކޮންމެ ރައްޔިތަކު ތަމުސީލުވާނެކަން ޔަގީންކުރަން އެ މަޖިލީހަށް 93 މެންބަރުން ހޮވައިގެން، އެއިން ކޮންމެ ބޭފުޅަކަށް މަހެއްގެ މައްޗަށް 82،500 ރުފިޔާ ޚަރަދުކުރަނީ ވަރަށް މުހިންމު ޒިންމާއެއް މަތިކޮށްފައި އޮތީމައެވެ. އެކަމަކު، މިހާރު މި އަމަލުކުރާ ގޮތުން އެ ބޭނުން ކެނޑިއްޖެއެވެ.
މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނާ އެކު ދަތުރުކުރާ އެންމެންނަށް އެއާޕޯޓުގެ ވީއައިޕީ ޚިދުމަތް ދޭން ފާސްކުރުމަކީ އޭގެ ޒާތުގައި ރުހޭ ކަމެއް ނޫނެވެ. އެކަމަކު، އެއީ މަޖިލީހުގެ މެންބަރުންތަކެއް، ވިސްނާފައި ނިންމި ނިންމުމެކެވެ. ގާނޫނުއަސާސީގައި ވާގޮތުން އެއީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެން، އެންމެންނަށް އެންމެ ފައިދާ ބޮޑު ވާނެ ގޮތް ބަލައިގެން ނިންމި ނިންމުއްތާއެވެ.
މީގެ ކުރިން އުސޫލު އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ޚިދުމަތް ލިބެއެވެ. ވަރަށް ކުރީއްސުރެ ފެށިގެން ވެސް އަމަލު ކުރަމުން އަންނަ މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ޚިދުމަތަށް އެއާޕޯޓުން ބިލުކުރާނީ މަޖިލީހަށެވެ.
ވީއައިޕީ ލައުންޖުން ޚިދުމަތްދޭ އުސޫލަށް ބަދަލު ގެންނަން ކޮމިޓީއަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އޭނާގެ ހުށަހެޅުއްވުމުގައި ވިދާޅުވެފައިވަނީ، މެންބަރުން ވީއަޕީ ލައުންޖުގެ ޚިދުމަތް ހޯދުމުގައި އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކޮށް ކަމަށާއި މެންބަރުންނާ އެކު ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އެ ޚިދުމަތް ދޭން މިދިޔަ 19 ވަނަ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.
އެ ހުށަހެޅުމާ މެދު ކޮމިޓީގެ ބައެއް މެންބަރުންގެ މެދުގައި ޙިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ކޮމިޓީގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރިއެވެ.
އެކަމަކު، ރައްޔިތުން ގަރުދިޔައާއި ބަތަށް ތިރިވެލަން ބުނެފައި މަޖިލީހުން އެ ވަރުގެ ޚަރަދެއް ކުރަން ނިންމުމުން އާންމުން މާ ބޮޑަށް ނުރުހުންވީއެވެ. ފާޑުކިޔުން މާ ބޮޑަށް ބޮޑުވެ، މި ސަރުކާރަށް ވެސް އެ ކަމުގެ ނޭދެވޭ އަސަރުކުރީއެވެ. އެހެންވެ، އެ ނިންމުން މުރާޖާކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އެދިވަޑައިގަތެވެ.

ކުއްލި ގޮތަކަށް ރޭ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: މަޖިލީހުން ވަނީ މެންދުރު ނިންމި ނިންމުން ރޭގަނޑު ބަދަލުކޮށްފައި -- ފޮޓޯ/ މަޖިލީސް
އެ ހިސާބުން، ރޭ 21:00 އަށް ކުއްލި ބައްދަލުވުމެއް އެޖެންޑާކޮށް އެ ނިންމުން ބާތިލުކުރީއެވެ. ބާތިލުކުރަން ހުށަހެޅުއްވީ ވެސް މެންބަރު ދީދީއެވެ. ޙިޔާލު ބަދަލުވިލެތް އަވަހީ ކަމަށް ވެސް ވެދާނެއެވެ. ނޫނީ ކުރިން ނުވިސްނުނު އެހެން ކަންތައްތަކެއް ފަހުން ވިސްނިގެން ވިޔަސް ފަހުން ނިންމި ނިންމުމާ މެދު އެންމެން ވެސް ރުހެއެވެ.
މައްސަލައަކަށް ވެގެން މި އުޅެނީ ވީއައިޕީ ލައުންޖްގެ ޚިދުމަތެއް ނޫނެވެ. އިތުރު މިސާލެކެވެ.
މަޖިލީހަށް ހާޒިރުވާން ޗިޓު ފޮނުވައި، ކޮމިޓީގެ ބައްދަލުވުން އެޖެންޑާކުރި ފަހުން ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރަށް ވަޑައިނުގެންނެވޭނެކަން އެންގީ ކޮމިޓީއަށް މެންބަރުން ވެސް ހާޒިރުވި ފަހުންނެވެ. އެ ކަމާ އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ނުރުހުންވިއެވެ. އެކަމަކު، ސަރުކާރު މެންބަރުން އެއްޗެއް އެ ދުވަހު ވިދާޅެއް ނުވެއެވެ.
އެހެން އޮއްވައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހުށަހެޅުއްވި ޙިޔާލަކީ ވަޒީރުންނާ ސުވާލެއް ކުރުމުން ތިން ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބެއް ލިބިއްޖެއްޔާ ނޫނީ މަޖިލީހަށް ހާޒިރުނުކުރާ ގޮތަށް ހެދުމެވެ.
ދެ ބާރު އެއްވީމާ ވާނީ މި ޒާތުގެ ގޮތެކެވެ. ކޮންމެ ވެސް އެއް ބާރަކުން އަނެއް ބާރު ކޮންޓްރޯލް ކުރާނީއެވެ. މަޖިލީހުގެ 77 އަށް ވުރެ ގިނަ މެންބަރުންނަކީ ސަރުކާރުގެ މެންބަރުންނެވެ. ގާނޫނު ހަދާ މަޖިލީހަކީ ދައުލަތުގެ އެއް ބާރެވެ. އެ ބާރަށް ވެރިއަކު ނުވަތަ މަޖިލީހަށް ރައީސަކު ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ، ވަރަށް ބޮޑު ގޯހެކެވެ.
މަޖިލީހަކީ ކީއްކުރާ ތަނެއް؟
ގާނޫނުއަސާސީ ލިޔުނުއިރުގައި ތިން ބާރު ވަރަށް ރީތިކޮށް ވަކިކުރާން ބޭނުންވިއެވެ. އެއް ބާރަކީ ސަރުކާރެވެ. އަނެއް ބާރަކީ މަޖިލީހެވެ. ތިންވަނަ ބާރަކީ ޝަރުއީ ކޯޓުތަކެވެ.
މައިގަނޑު ހަތް ޒިންމާއެއް ގާނޫނުއަސާސީން މަޖިލީހުގެ މައްޗަށް މަތިކުރެއެވެ. އެއީ:
ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެމަތީން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުން.
- ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލު ގެނައުމާއި، ޤާނޫނު ބާޠިލުކުރުން.
- ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން. އަދި، މި ކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުން.
- ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުން.
- މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭގޮތުން ނިންމާންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެމަތީން ނިންމުން.
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން.
- ރައްޔިތުންގެ މަޖިލީހުން އަދާކުރާން ޖެހޭނެކަމަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ މި ނޫން ވެސް ވާޖިބުތައް އަދާކުރުން.
މަޖިލީހަށް އެ ޒިންމާ ހަވާލުކޮށްފައި އެ ތަނުގައި ގިނަ އަދަދެއްގެ މެންބަރުން، ލައްކަ ބޮޑު މުސާރައިގައި ތިއްބަވާންޖެހޭ ގޮތަށް ގާނޫނުއަސާސީ ފަރުމާކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންގެ ވިންދު ހިނގާނެކަން ޔަގީންކުރުމެވެ. ދައުލަތުގެ ކަންކަން ނިންމުމުގައި މުޅި ރާއްޖެ ޝާމިލުވާނެހެން ވީހާ ވެސް ގިނަ ބައެއްގެ ޙިޔާލާއި މަޝްވަރާ ހިމެނުމެވެ.
ޚާއްސަކޮށް ސަރުކާރުތަކުން ބޭނުންހާ އެއްޗެއް ހެދިޔަ ނުދިނުމެވެ.
އެއަށް ފަހުގައި ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މެންބަރުން މަސައްކަތް ކުރަންވީ ގޮތް ވެސް އޮތީ ބަޔާންކޮށްފައެވެ. އެ މީހުންގެ އަމަލުތަކާއި ބަސްތަކާއި ވިސްނުން ބައްޓަންކުރަންވީ ކިހިނެއްކަން ވެސް ގާނޫނުއަސާސީގައި އެބައޮތެވެ.
އެ މާއްދާގައި ބުނަނީ:
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި، އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމުސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ."
މުސާރައިގެ ގޮތުގައި 82،500 ރުފިޔާ ދެނީ އެ ވަރުގެ ބުރަބޮޑު ޒިންމާއެއް އުފުލާން ޖެހޭތީއެވެ. އެކަމަކު، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރު ހިންގާ ޕާޓީއަށް ދިނީމާ އަބަދު ވެސް ފެންނަނީ ދެ ބާރު މަސްހުނިވާ ތަނެވެ. އަނެއްކާ ވެސް ބާރުތައް އެއްވާތަނެވެ. އެއީ ވަރަށް ބޮޑު ގޯހެކެވެ.
މަޖިލީހުގައި މިހާރު ރައްޔިތުން ތަމުސީލެއް ނުވެއެވެ. ތަމުސީލު ވަނީ ސިޔާސީ ޕާޓީތަކެވެ.

މަޖިލިސް: މެންބަރުން އަމަލުކުރަނީ ހަމައެކަނި ޕާޓީއާ މެދު ވިސްނާފައިކަމުގެ ޝަކުވާ ބޮޑު -- ފޮޓޯ/ މަޖިލިސް
މެންބަރުން ވޯޓު ދޭއިރުގައި ބަލާނީ ޕާޓީގެ ވިސްނުމަށެވެ. އިންތިޚާބުވި ދާއިރާގެ މީހުން ވިސްނާ ވިސްނުމެއް އެއްވެސް ވަރަކަށް ނޭނގޭނެއެވެ. އެ މީހުންގެ ގިބުލައަކީ ޕާޓީގެ ވިޕެވެ. އެކަމަކު، ރައްޔިތުންގެ އަތުގައި އޮތް އެންމެ ބޮޑު ބާރު، ރައްޔިތުންގެ މަޖިލީސް ސަރުކާރަށް ދޫކޮށްލަނީ ހަމަ ރައްޔިތުންނެވެ. އެއީ، ސަރުކާރުން ގަދަކަމުން ކުރާ ކަމެއް ނޫނެވެ. ފަހަރުގައި ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުވާން ބޭނުންނުވަނީ ކަމަށް ވެސް ވެދާނެއެވެ.
"ރައްޔިތުންނަށް މި ކުރެވެނީ ކީއް ކަމެއް ނޭނގެނީ. ސަރުކާރަށް މާ ބޮޑު މެޖޯރިޓީއެއް ދިނީމާ ދެން ވާނެ ގޮތެއް ވެސް ނުވިސްނެނީ. މީގެ ހައްލަކަށް ވާނީ ހަމަ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ކަންކަމާ ފިކުރުކުރުން. ގައުމުގެ ކަންކަމާ ވިސްނުން. ހޭލުންތެރިވުން،" އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް މީގެ ކުރީގައި މި މައުޟޫގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ރައްޔިތުން އަތުގައި އޮތް ބާރެއް ނީލަން ކިޔަނީއެވެ.
މަޖިލީހުގައި ރައްޔިތުންގެ ވިންދެން ނުޖަހައެވެ. އެ ތަނުގައި ހިނގަނީ ސިޔާސީ ޕާޓީތަކުގެ ފިކުރާއި ޙިޔާލެވެ. ތަމުސީލު ވަނީ ވެސް ޕާޓީތަކެވެ. ރައްޔިތުންގެ އިހުސާސްތަކެއް ނޫނެވެ. މިހާރު ކަން ހިނގާ މަގުން އެ ތަނުގެ ބޭނުމެއް ނުހިފެއެވެ. އެއީ، ވަރަށް ބޮޑު ގޯހެކެވެ.