18 Jul 2024, 09:03
ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހު ހުރަސް އިސްރާއީލުން ބަންދުކުރުމުގެ ސަބަބުން ފަލަސްތީނުގެ 292 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެފިއެވެ.
މީޑިއާ އޮފީހުން ލަފާކުރާ ގޮތުގައި މިދިޔަ މެއި މަހުން ފެށިގެން އިސްރާއީލުން ވަނީ ހުރަސް މެދުވެރިކޮށް 3،500 އަށްވުރެ ގިނަ ބަލި މީހުންނާއި ޒަޚަމްވި މީހުން ނުކުތުން މަނާކޮށްފައެވެ.
އަދި ޣައްޒާއިން ބޭރުން ބޭސްފަރުވާއަށް ރަފަހް ހުރަސް މެދުވެރިކޮށް ޣައްޒާއިން ފުރުމަށް 2،500 އެއްހާ ބަލިމީހުން ވަނީ އެދިފައެވެ.
"ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާއިން ބޭރުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަން ޖެހުނު ނަމަވެސް ރަފަހް ހުރަސް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އިތުރު ފަރުވާ ނުދެވި މަރުވި މީހުން ވެސް ހިމެނޭ," ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުންޏެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ޣައްޒާއާއި މިސްރު ގުޅޭ ރަފަހް ހުރަސް މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ ބަންދުކޮށްފައެވެ.
އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އިސްރާއީލުން ވަނީ ގޮންޖަހައިފައެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަދިވެސް އަންނަނީ ވަރުގަދަ ކުރަމުންނެވެ. އިސްރާއީލުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން ވަނީ އިސްރާއީލަށް އަމާޒުވެފައެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 38،800 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 89،100 އަށް އުފުލިފައެވެ.