18 Jul 2024, 09:08
ޗައިނާގެ ޝޮޕިން މޯލެއްގައި އިއްޔެ ހަވީރު އަލިފާން ރޯވެ އަށް މީހަކު މަރުވެއްޖެއެވެ.
އެ ހާދިސާގައި އިތުރު ބަޔަކު އަދިވެސް މޯލްތެރޭގައި ތާށިވެފައި ތިބި ކަމަށް ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނެއެވެ.
އަލިފާން ރޯވެފައި ވަނީ ޗައިނާގެ ހުޅަނގު ޕްރޮވިންސް ސިޗުއާންގެ ސިޓީއެއް ކަމަށްވާ ޒިގޮންގްގެ ޝޮޕިން ސެންޓަރެއްގައެވެ. އަލިފާން ރޯވެފައިވަނީ އިއްޔެ ހަވީރު ޗައިނާ ގަޑިން ހައެއް ޖަހާ އެހާކަންހާއިރުއެވެ.
އަލިފާން ރޯވި ސަރަހައްދުގައި ފަޔާ ޑިޕާޓްމަންޓުގެ ގާތްގަނޑަކަށް 300 އިމަޖެންސީ މަސައްކަތްތެރިންނާއި ދިހަވަރަކަށް ވެހިކަލް ވަނީ ހަރަކާތްތެރިވެފައެވެ.
އަލިފާން ނިއްވާލާފައިވަނީ ޗައިނާ ގަޑިން ރޭ 8:20 ހާއިރުއެވެ. އެތަނުން 30 މީހުން ސަލާމަތްކޮށްފައިވާއިރު، އެތެރޭގައި ތާށިވެފައިތިބި މީހުންގެ އަދަދު ސާފެއްނޫނެވެ.
ޖެނުއަރީ މަހު ޗައިނާގެ އިރުދެކުނު ސަރަހައްދުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެ ނުވަ މީހަކު ޒަހަމްވެފައިވެއެވެ.
އެ އަލިފާން ރޯވީ މެދުތެރޭ ޕްރޮވިންސް ހެނާންގެ ބޯޑިން ސްކޫލެއްގެ ކޮޓަރިއެއްގައި އަލިފާން ރޯވެ 13 ކުއްޖަކު މަރުވިތާ ދުވަސްތަކެއް ފަހުންނެވެ.