އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގަމުންދާ އުސްފަސްގަނޑު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ފާސްކުރި ދުވަހު، ރައީސް ނަޝީދަށް ގުޅުއްވައި މާލޭގައި ހަމަނުޖެހުން ނަގާލަން ރާވައި އެކަމަށް ހިއްވަރު ދެއްވި ކަމަށް ބުނެ، މައްޗަށްގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

މާރިޔާ އެކަންތައްތަކަށް އިންކާރުކޮށްފައި ވަނީ ފުލުހުންގެ އޮފީހަށް މިއަދު ހާޒިރު ކުރުމުން، އެކަމަނާ ދެއްވި ބަޔާނެއްގަ އެވެ.

ފުލުހުން މާރިޔާގެ މައްޗަށް ތުހުމަތު ކުރަނީ މެއި 31، 2012ގައި އުސްފަސްގަނޑަށް ފުލުހުން އެރި ދުވަހު މާލޭގެ ހަމަނުޖެހުން ނަގާލުމަށްޓަކާ ރައީސް ނަޝީދަށް ގުޅުއްވައި ފުލުހުންނަށް ގެއްލުންދިނުމަށް ރާވައި، އެކަމަށް ހިއްވަރު ދެއްވި ކަމަށެވެ. އެގޮތުން އެދުވަހު ޑިއުޓީ އަށް ނުކުމެ ތިބި ފުލުހުންނަށް ހަމަލާދިނުމަށާއި ފުލުހުންގެ ވެހިކަލްތަކާއި ތަކެއްޗަށް ގެއްލުންދިނުމަށް ނަޝީދަށް ގުޅުއްވައި ހަމަނުޖެހުން ހިންގުމަށް ރާވާފައިވާ ކަމަށެވެ.

"އުސްފަސްގަނޑު ހިމެނޭ ސަރަހައްދު ބަންދުކޮށް، ސަލާމަތީކަންތައް ބަލަހައްޓަމުން ދަނިކޮށް، އެ ސަރަހައްދުގައި ހުރެ، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޯނުން ގުޅުއްވައި ރާވައިގެން މާލެ ތެރެއަށް ގިނަ އަދަދެއްގެ ބަޔަކު ނެރެ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ނަގާލުމަށް،" ވާހަކަފުޅު ދެއްކެވި ކަމަށް ފުލުހުން ކުރާ ތުހުމަތުތަކުގައިވެ އެވެ.

ފުލުހުންގެ ތުހުމަތުތަކަށް ދެއްވި ބަޔާނާ ބެހޭ ގޮތުން މާރިޔާ ވިދާޅުވީ މާތްﷲ ގަންދީ ހުވާކޮށްގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވީހިނދު އެފަދަ އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާއަކީ އެއްވެސް އިންސާނަކަށް ނުހައްގު އަނިޔާ ދޭނެ މީހެއް ނޫން ކަމަށާއި އެފަދަ ކަމެއްގައި ބައިވެރިވެ، ހިއްވަރު ވެސް ދޭނެ މީހެއް ވެސް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ބޮލުގައި މިބާވަތުގެ އިލްޒާމު އަޅުވައި އެފަދަ ސުވާލުތަކެއް ކުރަމުންދަނީ ފުލުހުންގެ ތެރޭގައި ބަޣާވާތްކޮށްގެން ތިބި ބަޔަކު، ތިބި ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑާ މެދު ނަފްރަތު އުފެދޭތޯ ކުރާ ކުރާ މަސައްކަތްތަކެއް ކަމަށް ވެސް ފުލުހުންގެ މި އަމަލުން އަޅުގަނޑަށް ދޭހަވޭ،" މާރިޔާ ފުލުހުންނަށް ދެއްވި ބަޔާނާ ބެހޭ ގޮތުން ވިދާޅުވި އެވެ.

މާރިޔާ މިއަދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވީ 2:30 ރައްޔިތުންގެ މަޖިލިސް ނިންމަވާލެއްވުމަށް ފަހު، އެމްޑިޕީގެ ސަޕޯޓަރުންނާއި ރައީސް ނަޝީދާ އެކުގަ އެވެ. އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ސަރުކާރާ ދެކޮޅަށް އަޅުއުފުލަމުން ގޮސް އަމީރު އަހުމަދު މަގު، ޣާޒީ ބިލްޑިން އާއި ބަންޑާރަ ކޮޓާ ދިމާލުން ފުލުހުންގެ އަތް ގުޅުވައިގެން މަގު ބަންދުކޮށްފައި ވަނިކޮށް އެ މީހުން ވަނީ ފުލުހުންގެ ލައިނު ފަޅާލައި، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިއަށް އެއްވެފަ އެވެ. އަދި އެތަނުގައި ހިނގި ހަމަނުޖެހުންތަކުގައި އެކަކު ފުލުހުން ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ ސަރަހައްދު ސާފުކޮށް، ރައީސް ނަޝީދު ވެސް އެ ސަރަހައްދުން ފޮނުވާލާފަ އެވެ.