18 Jul 2024, 00:36
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެމްޓީސީސީން ހިއްސާ ބަހަން ފާސްކުރީ އުމަރު ޒާހިރު ބިލްޑިންގުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
މިދިޔަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އެ ކުންފުނީގެ ތާރީޚުގައި ވެސް މިހާތަނަށް އަހަރެއްގެ މައްޗަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.
އެމްޓީސީސީއަށް 2022ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 2023ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީ ވަނީ 30 އިންސައްތަ އިތުރުވެފައެވެ. އަހަރީ ރިޕޯޓުގައިވާ ގޮތުން 2020އިން ފެށިގެން 2023ގެ ނިޔަލަށް، އަހަރަކަށްވުރެ އަހަރެއް، އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެމްޓީސީސީން ބުނެފައިވަނީ މިދިޔަ އަހަރުގެ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ފާހަގަކުރެވުނީ އެ ކުންފުނިން ހިންގި ކޮންސްޓްރަކްޝަން އަދި ޑްރެޖިންގެ މަޝްރޫއުތަކުގެ އަދަދު އިތުރުވުން ކަމަށެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ 64.20 ޕަސެންޓް ހިއްސާ އާއި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ 4.65 ޕަސެންޓް ހިއްސާ އަދި އާންމުންގެ 31.15 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.