17 Jul 2024, 23:09
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވި ކަމަށް ބެލެވޭ މައްސަލައެއްގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ފަސް ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ޖުމްލަ 32 ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އެއް ދަރިވަރުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން އައްޑޫ ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔައީ މިރޭ އަށެއް ޖަހައި އެހާކަށްހާއިރު ކަމަށެވެ. އެ އެންމެންނަށް ވެސް ފުރަތަމަ ފަރުވާ ދިނީ އެމާޖެންސީގައި ކަމަށާއި އެ ދަރިވަރުން ވޯޑަށް ބަދަލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ދަރިވަރުން ގެނައީ އެލާޖީއެއްގެ ސަބަބުން ކަމަށާއި ބޮޑަށް ބެލެވެނީ އެއީ ކެވުނު އެއްޗެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.
ފުލުހުން ބުނީ، އެ ދަރިވަރުން ބަލިވީ ކާނާ ވިހަވުމުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ބައެއް ދަރިވަރުން އަނބުރާ ކޮލެޖަށް ގެންދާ ކަމަށް ވެސް ފުލުހުން ކުރިން ބުންޏެވެ.
ފުލުހުން އަންނަނީ އެކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް އިތުރަށް ބަލަމުންނެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ޕޮލިސް ކޮލެޖު ރަސްމީކޮށް ހުޅުވީ މާޗު 27، 2022ގައެވެ. ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން، ޚާއްސަ ތަފާތު ތަމްރީނު ކޯސްތައް އެ ކޮލެޖުގައި ހިންގައެވެ.