އިންގްލިޝް ޕްރިމިއާ ލީގުގެ ނިއުކާސްލް ޔުނައިޓެޑްގެ ކޯޗު އެޑީ ހައު އެ ޓީމުގައި ބެހެއްޓުމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގައި އެ ކްލަބްގެ ޗީފް އެގްޒެކެޓިން ޑެރެން އޭލްސް ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ އިންގްލަންޑް ފުޓްބޯޅަ ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ކިޔޭ ނަންތަކުގެ ތެރޭގައި ހައުގެ ނަން ހިމެނެމުންދާތީ އެ ކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުންނެވެ.

ޑެރެން ހާމަކުރި ގޮތުގައި އިންގްލަންޑްގެ ފުޓްބޯލް ފެޑެރޭޝަނުން ހައު ހޯދުމަށް ކުރާ މަސައްކަތަށް އެ ކްލަބުން ދެކޮޅު ހަދާނެކަމަށެވެ.

ޑެރެން ހާމަކުރި ގޮތުގައި އެ ކްލަބުންވަނީ މުސްތަގްބަލަށް ވިސްނާ ވަރަށް ރަނގަޅު ދަތުރެއް ފަށާފައިކަމަށާއި އެ ދަތުރުގައި އެ ކްލަބް ބޭނުންވާ މަންޒިލަށް ގެންދިއުމުގެ އެންމެ ކުރީގައި ހުންނާނީ ހައު ކަމަށެވެ.

އެހެން ކަމުން އޭނާ ހޯދުމަށް އިންގްލަންޑްގެ އެފްއޭއިން އެ ކްލަބާއި އެ ކަމާ ގުޅޭގޮތުން ގުޅައިފިނަމަ އެކަމާއި ކްލަބުން ފާޅުގައި ދެކޮޅު ހަދާނެ ކަމަށެވެ.

ޑެރެން ހާމަކުރި ގޮތުގައި ނިއުކާސްލުން މިހާރު އެކުލަވާލާފައިވާ ޕްލޭންގެ ދަށުން އެކަމާ އެންމެ އެކަށޭނަ ފަރާތަކީ ހައު ކަމަށާއި މި ކްލަބުން މި މަސައްކަތް ފެށި ދުރު މުސްތަގްބަލަށް ވިސްނައިގެންކަމުން އެކަމަށް ބުރޫއަރުވަން އެއްގޮތަކަށް ވެސް ބޭނުން ނޫންކަމަށެވެ.

ނިއުކާސްލްގެ ކޯޗު ކަމާއި އެޑީ ހައު ހަވާލުވެފައިވަނީ 2021 ވަނަ އަހަރުއެވެ.އަދި 2022 ވަނަ އަހަރުވަނީ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށް އާ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

އިންގްލަންޑްގެ ކުރީގެ ތަރި އަދި ނިއުކާސްލަށް ކުރިން ކުޅުނު އެލެން ޝިއެރާ ހާމަކުރިގޮތުގައި ހައު ވަނީ ނިއުކާސްލްގައި ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައި ކަމަށާއި އަދި އިންގްލަންޑްގެ އާ ކޯޗަށްވުމަށް އޭނާއާ ގުޅާނެކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެެވެ.

އަދި އޭނާއެކު އެ ކަމަށް އާނއެކޭ ބުނުން އެއީ އޭނާގެ ކަމެއް ކަމަށާއި ނަމަވެސް އިންގްލަންޑް ޓީމުގެ ކޯޗުކަމަކީ ނޫނެކޭ ބުނަން އުނދަގޫވާނެ ކަމަށްވާނެ ކަމަށް ވެސް ޝިއަރާ ހާމަކުރިއެވެ.

ޑެރެން ހާމަކުރި ގޮތުގައި ހައު އެ ޓީމު ދޫކޮށްލާކަމަށްވާނަމަ އެ ކަމުގެ ހައްގު ބަދަލު ލިބެން ޖެހޭނެ ކަމަށާއި ނަމަވެސް އަދި އެކަމާ ނުވިސްނާކަމަށެވެ.

އިންގްލަންޑް އެންމެ އަވަހަށް ކުޅޭ މެޗުގައި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ނޭޝަންސް ލީގުގައި ބައްދަލުކުރާނީ ރިޕަބްލިކް އޮފް އަޔަލަންޑާއެވެ. އެ ހާތަނަށް އާ ކޯޗެއް ހަމަނުޖެހިއްޖެނަމަ ވަގުތީ ކޯޗެއް އައްޔަންކުރާނެކަމަށް ވަނީ ބެލެވިފައެވެ.