ރޯދަ މަހަށް ބޭނުންވާ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށް ދިނުމަށް ޓަކައި އެސްޓީއޯ އިން ރަމަޒާން ބާޒާރުގެ ނަމުގައި ޕުރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖާ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެސްޓީއޯ އިން ބުނީ ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓުނާއި ރީޖަނަލް ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރި އަކަށް 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށާއި އަދި އެސްޓީއޯގެ ސުޕަމާޓުން ވަރަށް ހާއްސަ ހެޔޮ އަގެއްގައި އައިޓަމްތައް ލިބެން ހުންނާނެ ކަމަށެވެ.

އަދި ބުނީ މި ޕްރޮމޯޝަންގައި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ކުރާ ކޮންމެ 1000ރ. އިން މަތީ ވިޔަފާރި އަކަށާއި އެސްޓީއޯގެ ސުޕަމާޓުން ކުރާ ކޮންމެ 500ރ. މަތީ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުން ނެގޭ އެއް ވަނަ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށާއި އަދި ދެވަނަ އަށް ހޮވޭ ފަރާތަކަށް ފުރިޖެއް ދިނުމަށް ހަމަޖައްސާފައިވާ އިރު ތިން ވަނައަށް ހޮވޭ ފަރާތަކަށް 42 އިންޗީގެ އެލްއީޑީ ޓީވީއެއް ލިބޭނެ ކަމަށެވެ. އަދި ބުނީ އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާ އަކު ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ހިޓާޗީ ޓޯސްޓަރެއް ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ތަފާތު އަގުހުރި އިނާމްތަކެއް ލެބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ޕުރޮމޯޝަން ހިންގަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މިއަހަރު އޮގަސްޓް މަހު 21 ވަނަ ދުވަހުގެ ނިޔަލަށެވެ.