17 Jul 2024, 17:11
މި ސަރުކާރު ހަވާލުވި ފަހުން މިހާތަނަށް ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 1،664 ބިދޭސީއަކު ދެނެގަނެ، އެ ބިދޭސީން ހުއްޓުވާފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެކި ގޮތްގޮތުން ނުގަވައިދުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީންގެ ތަފުސީލު ހިއްސާކޮށްފައެވެ.
ޝައްމާން ވިދާޅުވީ، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން އެކި ވިސާގައި ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 1،664 ބިދޭސީން، ބޯޑަރުގައި ތިބޭ އޮފިސަރުންނަށް ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ހުރިހާ ބިދޭސީން ވެސް ފޮނުވާލި ކަމަށް ޝައްމާން ވިދާޅުވިއެވެ.
ނުގަވައިދުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންގެ ތަފްސީލު:
ޓޫރިސްޓު ވިސާގައި 85 ގައުމަކުން 1،289 ބިދޭސީން ވަނީ ހުއްޓުވާފައި
- ހުއްދަ ނޫން ވޯކް ޕާމިޓުގައި 22 ގައުމަކުން 341 ބިދޭސީން ވަނީ ހުއްޓުވާފައި
- ނަކަލުކޮށްފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 33 ބިދޭސީން ވަނީ ހުއްޓުވާފައި
- ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު އެކަކު ވަނީ ހުއްޓުވާފައި

ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަަދު ޝިފާން -- ސަން ފޮޓޯ/ ނާއިޝް ނާހިދު
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަަދު ޝިފާން ވިދާޅުވީ، ޓޫރިސްޓު ވިސާގައި ނުގަވައިދުން މީހުން އެތެރެ ވާތީ އެކަން ހުއްޓުވުމަށް ބޯޑަރު އޮފިސަރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވާން އުޅުނިކޮށް ހިފަހައްޓާފައި ވަނީ:
ބަންގްލަދޭޝްގެ 356 މީހުން
- ސްރީލަންކާގެ 195 މީހުން
- އިންޑިއާގެ 162 މީހުން
- ނައިޖީރިއާގެ 42 މީހުން
- ވިއެޓްނާމްގެ 35 މީހުން
- އެހެނިހެން ގައުމުތަކުން 499 މީހުން
މީގެ އިތުރުން ވޯކް ވިސާ ފޯޖުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 341 މީހަކު ހުއްޓުވާފައިވާއިރު އޭގެ ތެރޭ 22 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ޝިފާން ވިދާޅުވިއެވެ. އޭގެ ތެރޭގައި:
ބަންގްލަދޭޝްގެ 205 މީހުން
- އިންޑިއާގެ 38 މީހުން.
- ސްރީލަންކާގެ 31 މީހުން
- އިންޑޮނޭޝިއާގެ 8 މީހުން
- ނައިޖީރިއާގެ 6 މީހުން
- އެހެނިހެން 54 މީހުން
ނުގަވައިދުން ރާއްޖެއަށް އެތެރެވާން އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނައިން ފާހަގަކުރެވެނީ ބަންގްލަދޭޝްގެ ބިދޭސީންނެވެ.
ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ބަންގްލަދޭޝް މަސައްކަތްތެރިން އެތެރެކުރާތީ، އެ ގައުމުން މަސައްކަތްތެރިން ގެނައުން ހޯމް މިނިސްޓްރީން ވަނީ އޭޕްރީލް މަސްތެރޭ ހުއްޓުވާފައެވެ.
އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި އެހެންވެ އެ ގައުމުން މަސައްކަތްތެރިން ގެނައުމުގެ ހުއްދަ އަލުން ދެވޭނެ ތާރީޚެއް ނޭނގޭ ކަމަށް ވެސް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.