20 Jun 2012, 16:48
އައްޑޫ ސިޓީ ހިތަދޫގައި ބަނގުލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި އެ ރަށުން ހަތަރު ކުއްޖަކު ހައްުޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބަންގްލަދޭޝްގެ 29 އަހަރުގެ މީހެއްގެ ބޮލަށާއި ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައި ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަންރައިޒް ކިޔާ ސެކިއުރިޓީ ފާމްއެއްގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ މީހާ އަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން އޭނާ މަގެއްގައި ހިނގާފައި ދަނިކޮށެވެ. އެމީހާ އަށް ދިން ހަމަލާ އަކީ ފޭރުމުގެ ހަމަލާއެއް ކަމަށް ވެސްވެ އެވެ.
އެ ހާދިސާގައި ޒަހަމްވި ބަންގްލަދޭޝްގެ މީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު އޭނާގެ ހާލު ސީރިސްވެގެން މާލެ ގެނެސްފައިވާ އިރު އެމީހާ މަސައްކަތްކުރާ ކުންފުނީގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ ބަޔަކު މިއަދު ވަނީ އެހަމަލާ ކުށްވެރިކޮށް އެ މައްސަލަ އަވަހަށް ބަލައިދިނުމަށް އެދި ހިތަދޫ ސިޓީ ކައުންސިލް ކައިރިއަށް އެއްވެ ހަޅުތާލު ވެސްކޮށްފަ އެވެ.