ހުސްވަގުތަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު، މަޖިލިސް އިދާރާއިން ކަރަންޓު ކެނޑި މިއަދުގެ ޖަލްސާ ކުރުކޮށްލައިފިއެވެ.

ހުސްވަގުތުކޮޅަށް ދިޔައީ ފާއިތުވީ މަސްތަކުގައި ކަރަންޓު ބިލުތައް ބޮޑުވާތީ އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސަށް ފަހުއެވެ.

އެއަށްފަހު ރިޔާސަތުން ވަނީ 30 މިނެޓުގެ ހުސްވަގުތަކަށް ގޮސްފައެވެ.

ހުސްވަގުތަށްފަހު ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

ނަމަވެސް އިރުކޮޅަކުން މަޖިލީހުގެ ސްޓްރީމް ލައިވް ކެނޑި، އެކަމާ ސުވާލުކުރުމުން މަޖިލިސް އިދާރާއިން ބުނީ ކަރަންޓު ކެނޑުނީ ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން ޖަލްސާ ފަށައި ނާޒިމް ވިދާޅުވި ގޮތުގައި އެވަގުތު މަޖިލީހަށް ކަރަންޓު ދެމުން ދިޔައީ ބެކަޕް ޖެނެރޭޓަރުންނެވެ.

އަޅުގަނޑުމެންނަށް ހުރިހާ ފަންކްޝަންތަކެއް އެބަހުރި ސްޓްރީމް ވެސް ކުރަމުން ދަނީ. އެހެން ނަމަވެސް ބެކަޕް ޖެނެރޭޓަރުގައި އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ކިހާ އިރަކަށް ކަމެއް ނޭނގެ. އަޅުގަނޑު ގަސްްތުކުރަނީ މިއަދުގެ ޖަލްސާ މިހާ ހިސާބުން ކުރުކޮށްލާ އެޖެންޑާގެ ބާކީ ހުރި ބައި ދެން އަންނަ ޖަލްސާއެއްގައި ކުރުމަށް,ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް

މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ އޮތީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މަޖިލީހަށް ހާޒިރުކޮށް ސުވާލުތައް ކުރުމެވެ.

އެއަށްފަހު، އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ކަރަންޓު ފޯރުކޮށްދޭ ކުންފުނިތައް ކަމަށްވާ ފެނަކައާއި ސްޓެލްކޯގެ ބިލުތައް ބޮޑުވެފައިވާތީ އެކަމާ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކޮށް ކުއްލި މައްސަލަ ހުށަހަޅާފައެވެ.

ނަމަވެސް އެޖެންޑާގައި ދެން ތާވަލުކުރެވިފައި ނުނިމި ހުރި މަސައްކަތްތައް ވަނީ ދެން އަންނަ ޖަލްސާއަކަށް ކުރުކޮށްލާފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ދެން އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ.